ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ދެވަނަ ބުރުގެ ދަސްވެނިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މަރުހަބާ ވިދާޅުވެއްޖެއެވެ.
މި ޕްރޮގްރާމަކީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، އަދި ޖިސްމާނީ އާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށް ރައީސް އިސްނަންގަވައިގެން ފެއްޓެވި މުހިންމު މަސައްކަތެކެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިފަހަރުގެ ބެޗުގައި ރާއްޖޭގެ 112 ރަށަކުން 343 ބައިވެރިން ދަސްވެނިވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 280 ފިރިހެނުންނާއި 63 އަންހެނުންނެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ދަސްވެނިވި ބައިވެރިންގެ ތެރެއިން 113 ކުދިންނަކީ 18 އަހަރުން ދަށުގެ ކުދިން ކަމަށާއި، ބާކީ 230 ބައިވެރިންނަކީ 18 އަހަރުން މަތީގެ މީހުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި ދަރިވަރުން ދަސްވެނިވުމަށް ޅ. މާފިލާފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ޕްރޮގްރާމަށް ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރު 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލިއިރު، މި އަހަރު އެ އަދަދު 1700 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ތަމްރީނުތަކަށް އޮތް ޝައުގުވެރިކަމުން ދައްކައިދެނީ ޒުވާނުންނާއި ބެލެނިވެރިން ދަރިން ތަރުބިއްޔަތުކުރުމަށް ދޭ އަހަންމިއްޔަތުކަން ކަމަށެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ދިވެހި ގައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދީނީ ތައުލީމު، ލީޑަޝިޕް އަދި ބަހުގެ ހުނަރުތައް އުނގަންނައިދެއެވެ. މީގެ އިތުރުން ކަސްރަތާއި، ހެވިކަމުގެ ތަމްރީނުތަކާއި، ފަސްޓް އެއިޑް، ފަޔާ ފައިޓިން އަދި ސެލްފް ޑިފެންސް ފަދަ މުހިންމު ހުނަރުތައް ވެސް މި ޕްރޮގްރާމްގެ ތެރެއިން ދަސްކޮށްދީފައިވެއެވެ.
މި ޕްރޮގްރާމްގެ ދެވަނަ ފުރަތަމަ ބުރުގައި 340 ބައިވެރިން ވަނީ ތަމްރީން ފުރިހަމަކޮށްފައެވެ.



