1447 ވަނަ އަހަރުގެ އަޟުޙާ ޢީދު ދުވަހުގެ މުނާސަބަތުގައި ސަރުކާރު ބަންދުވާ ދުވަސްތަކުގެ ތެރެއިން، ބޭންކިންގ ޚިދުމަތް ދިނުމަށް ވަކި ދުވަހެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހުޅުވާފައި ބެހެއްޓުމަށް އެ އޮތޯރިޓީން ނިންމައިފިއެވެ.
އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، 24 މޭ 2026 އިން 30 މޭ 2026 އަށް ސަރުކާރު ބަންދުވުމާ ގުޅިގެން، ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި 28 މޭ 2026 ވާ ބުރާސްފަތި ދުވަހު އެ އޮތޯރިޓީ ހުޅުވާފައި ހުންނާނެއެވެ.
އެ ދުވަހު ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 14:00 އަށެވެ.
އެމްއެމްއޭ އިން އިތުރަށް ބުނީ، ބޭންކިންގ ޚިދުމަތަށް ހުޅުވާފައި ހުންނަ ދުވަހު ޢާންމުންނަށް ވަކި ލާރި އާއި ނަގުދު ފައިސާ ދޫކުރުމަށް ހަމަޖެހިފައި ނުވާކަމަށެވެ.
އެހެންކަމުން، އަޟުޙާ ޢީދުގެ ބަންދު ދުވަސްތަކުގައި ބޭނުންވާނެ ކަމަށް އަންދާޒާކުރާ އަދަދަށް، މި ހިނގާ ހަފްތާގެ ތެރޭގައި އެ އޮތޯރިޓީން ވަކި ލާރި އާއި ނަގުދު ފައިސާ ހޯއްދެވުމަށް އެމްއެމްއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.



