ދިވެހި ފުޓުބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ފައިނަލް ސްކޮޑު މިއަދު އިއުލާނުކޮށްފިއެވެ.
މާދަމައިން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ފަރިތަކުރުންތައް ކުރިއަށް ގެންދާތާ މިހާރު ވަނީ މަހެއްހައި ދުވަސް ވެފައެވެ.
މި މުބާރާތަށް އެކުލަވާލި 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑުން ގައުމީ ޓީމުގެ ބައެއް މުހިންމު ކުޅުންތެރިންނަށް ވަނީ ޖާގަ ގެއްލިފައެވެ. އޭގެ ތެރޭގައި ޤައުމީ ޓީމުގެ ކެޕްޓަން ސަމޫޙު އަލީ (ސަމުއްޓޭ) އަދި ތަޖުރިބާކާރު ޑިފެންޑަރު މުޙައްމަދު އިރުފާން (އިރޭ)ހިމެނެއެވެ. މި ދެ ކުޅުންތެރިންނަށް ސްކޮޑުން ޖާގަ ގެއްލުނީ ސީޒަން ނިމުނުފަހުން ކުޅުނު މުބާރާތެއްގެ ތެރޭގައި ލިބުނު އަނިޔާއަކާ ގުޅިގެން ފަރިތަކުރުންތަކުގައި ބައިވެރިނުވެވުމުންނެވެ.
މީގެއިތުރުން ޒުވާން ޓީމުތަކުގައި ހިމެނޭ ބައެއް ކުޅުންތެރިންނަށް ވެސް ފައިނަލް ސްކޮޑުން ފުރުސަތު ލިބިފައެއް ނުވެއެވެ. އޭގެ ތެރޭގައި އީތަން އިބްރާޙީމް ޒަކީ، އަޙްމަދު މާއިޝް ރަޝީދު، އަޙްމަދު ރިޒްވާން (ރިޒޭ)، ޙަސަން ރާއިފް (ހަންނަ) އަދި ކީޕަރު ޒަޙްރާން ޙަސަން ޒިޔާދު ހިމެނެއެވެ. ނަމަވެސް، ފުރަތަމަ އެކުލަވާލި ވަގުތީ ސްކޮޑުގައި ނުހިމެނޭ ޙަސަން އީނާޒްއަށް ވަނީ ފައިނަލް ސްކޮޑުން ޖާގަ ދީފައެވެ.
ގައުމީ ޓީމުގެ ފައިނަލް ސްކޮޑު:
- އަލީ އަޝްފާޤް
- މުޙައްމަދު ފައިސަލް
- އަމްދާން އަލީ
- އިބްރާޙީމް އައިސަމް
- ނާއިޒް ޙަސަން
- އަލީ ފާސިރު
- އިބްރާޙީމް މަހުދީ ޙުސެއިން
- އިބްރާޙީމް ވަހީދު ޙަސަން
- މުޙައްމަދު އިލާން އިމްރާން
- އަޙްމަދު އައިހަމް
- ހަމްޒާ މުޙައްމަދު
- ހައިޝަމް ޙަސަން
- ޙަސަން އީނާޒް
- ޠާއިފް ޤާސިމް
- އަޙްޒަމް ރަޝީދު
- ނާޝިއު އަޙްމަދު ޝިހާމް
- އަޙްމަދު އައިހަމް
- އަބްދުﷲ ލޫތު އިބްރާޙީމް
- ޙުސެއިން ޝަރީފް
- ނައްސާޙް އިބްރާޙީމް ނާސިޙް
- ޙުސެއިން ޝިފާއު ޔޫސުފް
- މުޙައްމަދު ޝަފީއު
- އަޙްމަދު އަބްދުﷲ
މި މުބާރާތުގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، އަފްޣާނިސްޠާން އަދި ޕާކިސްތާން ވާދަކުރާނެއެވެ. މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.
ރާއްޖޭގެ ޓީމަށް އިރުޝާދުދޭނީ ހެޑް ކޯޗު އިސްޓަވާން އުރުބާނީ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބަންގްލަދޭޝް އާއި ޕާކިސްތާން ބައްދަލުކުރާއިރު، މާދަމާ ރޭ ރާއްޖެ ނުކުންނާނީ އަފްޣާނިސްޠާނާ ދެކޮޅަށެވެ.
މުބާރާތުގެ ހުރިހާ މެޗެއް ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ބްރޯޑްކާސްޓް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.



