އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އިސްލާމިކް ލީޑަރޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ އަންހެން ބޭފުޅުންނަށް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެގޮތުން މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 5 އަދި 6 ވާ ދުވަހު، ސަލްމާނު މިސްކިތުގެ ފަސްވަނަ ފަންގިފިލާގައެވެ.
އެ މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މި ޕްރޮގްރާމްގައި ލީޑަރޝިޕް ހުނަރުތަކާ ގުޅޭ ތަފާތު ސެޝަންތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. މި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ އިތުރުން، އެންމެ ފާހަގަކޮށްލެވޭ ލީޑަރޝިޕް ހުނަރު ދައްކައިދޭ 10 ބައިވެރިއަކަށް ”މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޔޫތު ލީޑަރޝިޕް އެމްބެސެޑަރ“ ގެ މަގާމު ދިނުމަށް ނިންމާފައިވެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން ޝައުގުވެރިވާ މީހުން، އެ ވުޒާރާގެ ރަސްމީ ވެބްސައިޓުގައިވާ ގޫގަލް ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

