2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޮސްޓްރިއާ އަތުން 0-2 އިން މޮޅުވެ، އާޖެންޓީނާ މުބާރާތުގެ ނޮކައުޓް ބުރުން ޖާގަ ކަށަވަރުކޮށްފިއެވެ.
ޓެކްސަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ދެ ލަނޑު ޖަހައި، ވޯލްޑް ކަޕް ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލާ، އަދިވެސް އޭނާ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެެރިޔާކަން ސާބިތުކޮށްދީފައެވެ.
މެޗުގެ ކުރީކޮޅު އާޖެންޓީނާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، މެސީ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ. މިއީ އޭނާ ވޯލްޑް ކަޕެއްގައި ނާކާމިޔާބުވި ތިންވަނަ ޕެނަލްޓީއެވެ. ނަމަވެސް މެޗުގެ 38 ވަނަ މިނެޓުގައި މެސީ ވަނީ ފުރަތަމަ ލަނޑު ޖަހައި ޓީމަށް ލީޑު ނަގައިދީ، މިރޮސްލާވް ކްލޯސޭގެ ރެކޯޑު އާކޮށްފައެވެ.
އޮސްޓްރިއާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލަން އާޖެންޓީނާއަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނުއިރު، ދެވަނަ ހާފުގައި އޮސްޓްރިއާއިން ވެސް ނަތީޖާ އެއްވަރުކުރުމަށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. އެހެންނަމަވެސް، އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް އާއި ޑިފެންޑަރުން ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މެސީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި އާޖެންޓީނާއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫން 28 ގައި އާޖެންޓީނާ ޖޯޑަންއާ ދެކޮޅަށް ނުކުންނައިރު، އޮސްޓްރިއާ ބައްދަލުކުރާނީ އަލްޖީރިއާއާއެވެ.




