އިޒްރޭލާއި އެމެރިކާ ގުޅިގެން އިރާނަށް ދިން ހަމަލާތަކުގައި ޝަހީދުކޮށްލި އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް ފަށާފައިވާއިރު، މި ރަސްމިއްޔާތުތަކުގައި އެތައް މިލިއަން ބަޔަކު ބައިވެރިވަމުންދާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އީރާނުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ލީޑަރުގެ ޖަނާޒާގެ ކަންކަން މިއަދު ފަށާފައިވާއިރު، މިއީ އެ ގައުމުގެ ތާރީޚުގައިވެސް ބާއްވާ އެންމެ ބޮޑު އެއް ޖަނާޒާއަށް ވެގެންދާނެއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ޖަނާޒާގައި ބައިވެރިވުމަށް 10 މިލިއަނަށްވުރެ ގިނަ މީހުން ތެހެރާނަށް ޖަމާވާނެ ކަމަށް ބެލެވެއެވެ. އަދި ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުތަކުގެ މަންދޫބުން މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ޖަނާޒާގެ ކަންކަމަށްޓަކައި ހޮނިހިރު ދުވަހުން ފެށިގެން އަންގާރަ ދުވަހާ ހަމައަށް ތެހެރާންގެ މުޅި ޕްރޮވިންސް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.
ޖަނާޒާގެ ތަރުތީބުތަކަށް ބަލާއިރު، ޖުލައި 4 އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ތެހެރާންގައި ރަސްމިއްޔާތުތައް ކުރިއަށްދާނެއެވެ. އޭގެ ފަހުން ޖުލައި 7 ވަނަ ދުވަހު ގުމްގައި އިތުރު ރަސްމިއްޔާތެއް ބޭއްވުމަށްފަހު، ޚާމަނާއީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ޖުލައި 9 ވަނަ ދުވަހު އެމަނިކުފާނުގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައެވެ.
އުމުރުފުޅުން 86 އަހަރުގެ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވީ މިދިޔަ ފެބްރުއަރީ މަހު އެމެރިކާއާއި އިޒްރޭލުން ގުޅިގެން ދިން ހަމަލާތަކުގައެވެ. 1989 ވަނަ އަހަރު އާޔަތުﷲ ރޫހުﷲ ޚުމައިނީ އަވަހާރަވުމާ ގުޅިގެން އީރާންގެ އެންމެ އިސް ލީޑަރުގެ މަގާމާ ހަވާލުވެވަޑައިގަތް ޚާމަނާއީއަކީ އީރާނުގެ އަސްކަރީ ބާރުތައް ވަރުގަދަކޮށް، ގައުމުގެ ދިފާއީ ނިޒާމު މިހާރު އޮތްގޮތަށް ބައްޓަންކުރެއްވި މައިގަނޑު ޝަޚުސިއްޔަތެވެ.
އެމަނިކުފާނުގެ ޒައާމަތުގައި އީރާނުގެ ސަރަހައްދުން ބޭރުގައި އެ ގައުމުގެ ނުފޫޒު ވަރަށް ބޮޑަށް ގަދަވެގެންދިޔައެވެ. ރޫހާނީ ލީޑަރުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، 1980 ގެ އަހަރުތަކުގައި އިރާގާއެކު ކުރި ހަނގުރާމައިގެ ދުވަސްވަރު އީރާނުގެ ރައީސްކަންވެސް ކުރެއްވީ ޚާމަނާއީއެވެ.
މީގެ އިތުރުން ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލުމަށް ”ރެސިސްޓަންސް އިކޮނޮމީ“ ނުވަތަ ދެކޮޅުވެރިކަމުގެ އިގްތިސާދީ ސިޔާސަތެއް ތަންފީޒުކުރައްވައި، ގައުމުގެ އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.



