ސަރުކާރުގެ ހޮސްޕިޓަލުތަކުގައި ގާއިމުކޮށްފައިވާ އައިނު ފިހާރަތަކުން 23،000 އަށް ވުރެ ގިނަ އައިނު ހަދައި، އާންމުންނާ ހަވާލުކޮށްފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން ހާމަކޮށްފިއެވެ.
އެމްސީޖީއެޗްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ޖުމްލަ 23،857 އައިނު ހަދާފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ އައިނު ހަދާފައިވަނީ މާލޭގެ އައިޖީއެމްއެޗްގައި ހުންނަ އައިނު ފިހާރައިންނެވެ. އެ ފިހާރައަށް މިހާތަނަށް 13,595 އޯޑަރު ލިބިފައިވާއިރު، އޭގެ ތެރެއިން 12,507 އައިނު ވަނީ ހަދައި ނިންމާފައެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ އައިނު ފިހާރައިން ވެސް ގިނަ އަދަދެއްގެ އައިނު ވަނީ ހަދާފައެވެ. އެގޮތުން 8,934 އޯޑަރު ލިބިފައިވާއިރު، 8,247 އައިނު ވަނީ ހަދައި ހަވާލުކޮށްފައެވެ. މީގެ އިތުރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން 2,096 އޯޑަރު ލިބި 1,746 އައިނު ހަދާފައިވާއިރު، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން 1,650 އޯޑަރު ލިބި 1,347 އައިނު ވަނީ ހަދާފައެވެ.
ސަރުކާރުން މި ހިދުމަތް ފޯރުކޮށްދެމުންދަނީ މައިގަނޑު ހަތަރު ހޮސްޕިޓަލެއްގައެވެ. އެއީ އައިޖީއެމްއެޗާއި، ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ. މި ހޮސްޕިޓަލުތަކުން ފޯރުކޮށްދޭ މި ހިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.
މީގެ ކުރިން އައިނު ހެއްދުމަށް އާސަންދައިން ދެމުން އައީ 1000 ރުފިޔާއެވެ. ނަމަވެސް އެ ނިންމުން ބަދަލުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާސަންދައިގެ ދަށުން އައިނު ހައްދަން 2000 ރުފިޔާ ހަމަޖައްސަވައި ދެއްވާފައެވެ.
މީގެ އިތުރުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކްލިނިކްތަކުންނާއި، އައިނު ފިހާރަތަކުން ހަދާ އައިނުތަަކަށް އާސަންދަ ލިބޭނެ އިންތިޒާމް ވެސް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.




