މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ސަބްސިޑީއަށް ކުރި ޚަރަދު 3.13 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 86 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ސަބްސިޑީއަށް ހޭދަކޮށްފައިވަނީ 1.7 ބިލިޔަން ރުފިޔާއެވެ.
މާލީ ވުޒާރާއިން އާންމުކުރި ’ވީކްލީ ފިސްކަލް ރިޕޯޓު’ގައިވާ ގޮތުން، ސަބްސިޑީގެ ހޭދަ މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެލާއި ކަރަންޓުގެ ސަބްސިޑީއަށް ކުރި ޚަރަދު ބޮޑުތަނުން އިތުރުވުމެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ތެލުގެ ސަބްސިޑީއަށެވެ. އެގޮތުން ތެލުގެ ސަބްސިޑީއަށް އެކަނިވެސް 1.8 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ތެލުގެ ސަބްސިޑީއަށް ކުރި ޚަރަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 702.1 މިލިޔަން ރުފިޔާގައެވެ. ނަމަވެސް މިއަހަރު މިވަނީ 61 އިންސައްތަ އިތުރުވެފައެވެ. މާލީ ވުޒާރާއިން ވިދާޅުވި ގޮތުގައި މި ޚަރަދު އިތުރުވާން ދިމާވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު ބޮޑުތަނުން އިތުރުވުމެވެ.
މީގެ އިތުރުން، ކަރަންޓުގެ ސަބްސިޑީއަށް ކުރި ޚަރަދު 341.3 މިލިޔަން ރުފިޔާއިން 626.7 މިލިޔަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. އަދި ކުނި މެނޭޖްކުރުމުގެ ސަބްސިޑީއަށް ކުރި ޚަރަދު 33.9 މިލިޔަން ރުފިޔާއިން 90.6 މިލިޔަން ރުފިޔާއަށް މަތިވެފައިވާއިރު، ދަތުރުފަތުރުގެ ސަބްސިޑީއަށް ކުރި ހޭދަ 128.5 މިލިޔަން ރުފިޔާއިން 201.6 މިލިޔަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. ކާބޯތަކެތީގެ ސަބްސިޑީއަށް ކުރި ހޭދަވެސް ވަނީ 199.4 މިލިޔަން ރުފިޔާއިން 243.9 މިލިޔަން ރުފިޔާއަށް އަރާފައެވެ.
ގިނަ ދާއިރާތަކުން ސަބްސިޑީގެ ޚަރަދު އިތުރުވި ނަމަވެސް، މަސްވެރިކަމުގެ ސަބްސިޑީއަށް ކުރި ޚަރަދު ވަނީ 207.4 މިލިޔަން ރުފިޔާއިން 83.1 މިލިޔަން ރުފިޔާއަށް ދަށްވެފައެވެ.
އަދި ނަރުދަމާގެ ޚިދުމަތުގެ ސަބްސިޑީއަށް ކުރި 67.8 މިލިޔަން ރުފިޔާގެ ޚަރަދަށް މިދިޔަ ހަފުތާގެ ތެރޭގައި އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.




