ރާއްޖޭގެ ރުއްތަކަށް ކުރިމަތިވެފައިވާ ހުދުކޫޑީގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ޗައިނާ ސަރުކާރުގެ އެހީގައި ގެނެސްފައިވާ ’ޔޭޖިއާޗިންގ‘ ޕެސްޓިސައިޑް ރުއްތަކަށް ލުމުގެ އަމަލީ މަސައްކަތް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
މި ބޭހަކީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ތަޖުރިބާކޮށް، ހުދުކޫޑި ކޮންޓްރޯލްކުރުމަށް ކާމިޔާބު ނަތީޖާއެއް ލިބިފައިވާ ބޭހެކެވެ.
މި ޕްރޮގްރާމްގެ ދަށުން ރަށްރަށުގެ ކައުންސިލްތަކަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން ހއ. ބާރަށު ކައުންސިލާ ފުރަތަމަ ބޭސް ހަވާލުކޮށް، އެރަށުގައި ބޭސް ޖެހުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ހއ، ހދ، އަދި ށ. އަތޮޅުގެ ރަށްތަކުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރު މެދުވެރިކޮށް ބޭހާ ހަވާލުވުމަށް ވަނީ އަންގާފައެވެ. އެހެން އަތޮޅުތަކުން ބޭސް ހަވާލުކުރާނީ މާލެއިންނެވެ.
ރުއްތަކާއި ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަނެ، އެކަންކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޗައިނީޒް އެކެޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް) އާއެކު ސަރުކާރުން ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ. މި އެއްބަސްވުމުގެ ދަށުން ޗައިނާގެ ތަޖުރިބާކާރުން ރާއްޖޭގައި ހަރަކާތްތެރިވަމުންދާއިރު، ގަސްގަހާގެއްސަށް ޖެހޭ ބަލިތައް ތަހުލީލުކުރުމަށްޓަކައި މިހާރު ވަނީ ގައުމީ ފެންވަރުގެ ލެބޯޓަރީއެއްވެސް ގާއިމްކޮށްފައެވެ.
މި މަސައްކަތްތަކުގެ މައިގަނޑު މަގުސަދަކީ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، ގަސްތަކަށް ޖެހޭ ބަލިތަކާއި ފަނިފަކުސާ ކޮންޓްރޯލްކޮށް، ރާއްޖޭގެ ބަޔޯސެކިއުރިޓީ ވަރުގަދަކުރުމެވެ.
މިހާރުވެސް ގިނަ ރަށްތަކަކުން މި ބޭސް ހޯދުމަށް އެދެމުންދާތީ، އެ ރަށްރަށަށް ބޭސް ފޯރުކޮށްދިނުމުގެ އިދާރީ މަސައްކަތްތައް ވުޒާރާއިން ދަނީ ކުރަމުންނެވެ.



