ދިރާގުން ކުރިއަށްގެންދިޔަ ”ވިން ޓޫ ސްޕީޑް ބޯޓްސްސް ޕްރޮމޯޝަން“ ގެ ދެވަނަ ނަސީބުވެރިޔާއަށް އިނާމު ހަވާލުކޮށްފިއެވެ.
މި ނަސީބުވެރިޔާއަށް އިނާމު ހަވާލުކުރުމަށް އިއްޔެ ވަނީ އަލް ޝާލީ މެރިން ބޯޓުޔާޑުގައި ޚާއްސަ ހަފްލާއެއް ބާއްވާފައެވެ.
މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ މިއަހަރުގެ ޖަނަވަރީ މަހު ހޮވާފައިވާއިރު، ދެވަނަ ސްޕީޑްބޯޓު ލިބުނު ނަސީބުވެރިޔާއާ އިއްޔެ ވަނީ އިނާމު ރަސްމީކޮށް ހަވާލުކޮށްފައެވެ. އިނާމު ލިބިފައިވަނީ ކ. މާލެ މުޙައްމަދު ޔޫސުފްއަށެވެ.
ދިރާގުން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ ހުރިހާ މަރުހަލާއެއް ކުރިއަށްދިޔައީ މިނިވަން އޮޑިޓް ފާމެއް ކަމަށްވާ ނެކްސިއާ މޯލްޑިވްސްގެ ބެލުމުގެ ދަށުންނެވެ.
ނަސީބުވެރި ފަރާތް، މުޙައްމަދު ޔޫސުފް ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ބުނީ މިފަދަ ބޮޑު އިނާމެއް ލިބިދާނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ.
”ވަރަށް އުފާވި ހަމަ. ލިބުން ވާހަކަ ބުނެފައި އެކޮޅަށް އަންނާށޭ ބުނީމަވެސް ސިކުންތުކޮޅެއް ނެގި ހަމަ އުފާވެެރިކަމުން އެއްކޮށް ރިއާލިޓީއަށް އަންނަން. ދެން ހަމަ ދިރާގުން ގުޅީމަވެސް ފުރަތަމަ އަސްލު ހިޔެއް ނުކުރަން މިކަހަލަ ކަމެއްގައެކޭ. އެހެންވެ ވަރަށް ފޯނު ނުނަގަން ހުރެފަވެސް ހަމަ ނެގީމަ އެނގުނީ،“ ޔޫސުފް ކިޔައިދިނެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ދީފައިވަނީ އަލް ޝާލީ މެރިންގެ ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާއެކު ދޫކުރި މި ބޯޓަކީ އެކި ބޭނުންތަކަށް ފަރުމާކޮށްފައިވާ، ގާތްގަނޑަކަށް 1.1 މިލިޔަން ރުފިޔާގެ އަގުހުރި ބޯޓެއް ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
ދިރާގުން މީގެ ކުރިން ކުރިއަށްގެންދިޔަ ”ވިން އަ ޓެސްލާ“ ޕްރޮމޯޝަނެކޭ އެއްފަދައިން، މި ސްޕީޑްބޯޓު ޕްރޮމޯޝަނަކީވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކާމިޔާބު ހަރަކާތެއްކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.




