ރާއްޖޭގައި މިހާރު ހިންގަމުންދާ ފާމަސީތައް ގިންތިކުރެވިފައިވާ ގްރޭޑްތަކާ އެއްގޮތަށް، ގައުމީ އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެމްއެފްޑީއޭ އިން މިއަދު ހާމަކުރި ގޮތުގައި، ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ އަސާސީ ބޭސްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަކީ އެ އޮތޯރިޓީގެ ގާނޫނީ ޒިންމާއެކެވެ. މި ޒިންމާގެ ދަށުން ފާމަސީތަކުގައި ބެހެއްޓުން ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓު މިހާރު ވަނީ މުރާޖާކޮށް އަދާހަމަކޮށްފައެވެ.
އެ އިދާރާއިން ވިދާޅުވި ގޮތުގައި އަސާސީ ބޭހުގެ ލިސްޓު ގިންތިކުރެވިފައިވަނީ ދެ ގްރޭޑަކަށެވެ. އަދި ކޮންމެ ފާމަސީއެއްގައި ވެސް އެ ފާމަސީއެއް ނިސްބަތްވާ ގްރޭޑަކަށް ކަނޑައެޅިފައިވާ ބޭސްތަކުގެ ތެރެއިން މަދުވެގެން 80 އިންސައްތަ ބޭސް އަބަދުވެސް ލިބެން ހުންނަންވާނެއެވެ.
މި އައު އުސޫލަށް އަމަލުކުރުމަށްޓަކައި މިހާރު ހިންގަމުންދާ ފާމަސީތަކަށް މިއަދުން ފެށިގެން 6 މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. މި މުއްދަތުގެ ތެރޭގައި ގިންތިތަކާ އެއްގޮތަށް ބޭސް ހަމަކުރަން ޖެހޭނެ ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.
މީގެ އިތުރުން، އަލަށް ހުޅުވާ ފާމަސީތަކާ ގުޅޭގޮތުން އެމްއެފްޑީއޭ އިން ބުނީ، އެފަދަ ތަންތަން ރަޖިސްޓްރީ ކުރުމަށްފަހު ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ، އެ ގިންތިއެއްގެ ފާމަސީއެއްގައި ބަހައްޓަންޖެހޭ ބޭސްތައް ފުރިހަމައަށް ހަމަކުރުމުން ކަމަށެވެ.




