ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ތިން ދާއިރާއަކުން ޕީއެޗްޑީގެ އައު ކޯސްތަކެއް ފެށުމަށް ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޔުނިވަރސިޓީން ހާމަކުރި ގޮތުގައި، މި ކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ އިންޓޭކުގައެވެ.
އެމްއެންޔޫއިން އަލަށް ތަޢާރަފުކުރި ޕީއެޗްޑީ ކޯސްތަކަކީ:
- • ޑޮކްޓަރ އޮފް ފިލޯސަފީ އިން މޯލްޑިވިއަން ކަލްޗަރ އެންޑް ހިސްޓްރީ
- • ޑޮކްޓަރ އޮފް ފިލޯސަފީ އިން ސޯޝަލް ސައިންސް
- • ޑޮކްޓަރ އޮފް ފިލޯސަފީ އިން ލޯ
- • މާސްޓަރ އޮފް ރިސާޗް އިން އިންޖިނިއަރިންގ ސައިންސް
- • މާސްޓަރ އޮފް ސައިންސް އިން ކޮމްޕިއުޓަރ ސައިންސް
- • މާސްޓަރ އޮފް އާރޓްސް އިން ހިއުމަން ރިސޯސް މެނޭޖްމަންޓް
މިކަމާ ގުޅޭގޮތުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒު ވިދާޅުވީ، އަލަށް ފަށާ ކޯސްތަކަކީ ދިރާސާ ކުރުމާއި، ފަންނީ ތައުލީމުގެ ދާއިރާ އިތުރަށް ވަރުގަދަ ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. އަދި މި ޕްރޮގްރާމްތައް ބައްޓަންކޮށްފައިވަނީ ޤައުމަށް އެންމެ ބޭނުންތެރި ދާއިރާތަކުން ތައުލީމީ ބޭފުޅުންނާއި ދިރާސާވެރިން ބިނާކުރުމުގެ މަޤުސަދުގައި ކަމަށް ޝެހެނާޒު ފާހަގަކުރެއްވިއެވެ.
”މި ކޯސްތައް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވުމަކީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ކުރެވޭ ވަރަށް މުހިއްމު މަސައްކަތެއް. މި ކޯސްތައް ފަރުމާކޮށްފައިވާ ގޮތުން ޤައުމުން ބޭރަށް ނުގޮސް ރާއްޖޭގައި ތިބެެގެން ޕީއެޗްޑީ ހާސިލުކުރެވޭނެ،“ ޑރ. ޝެހެނާޒު ވިދާޅުވިއެވެ.
މި އައު ކޯސްތަކާއެކު އެމްއެންޔޫއިން ހިންގާ ޕީއެޗްޑީ ޕްރޮގްރާމްތަކުގެ އަދަދު ވަނީ 18 އިން 21 އަށް އިތުރުވެފައެވެ. މިއީ އެ ޔުނިވަރސިޓީގެ ތާރީޚުގައި ލިބުނު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ޔުނިވަރސިޓީން ސިފަކުރެއެވެ.
މި ކޯސްތަކަށް ވަނުމަށް ބޭނުންވާ ޝަރުޠުތަކާއި އިތުރު މަޢުލޫމާތުތައް ކުރިއަށް އޮތްތަނުގައި ޔުނިވަރސިޓީގެ ރަސްމީ މަންސަތަކުން އާންމުކުރާނެ ކަމަށް އެމްއެންޔޫއިން ވިދާޅުވިއެވެ.



