ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދިން މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ، އަނެއްކާވެސް އެ މިސްކިތަށް ގެއްލުން ދީފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ މީހާ މުޖުތަމައުން އެކަހެރިކޮށްފައެވެ.
އެންމެ ފުރަތަމަ އެ މިސްކިތަށް ގެއްލުން ދީފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފަތިހު 3:47 އެހައިކަންހާއިރުއެވެ. ފުލުހުން ބުނީ، އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތުން މިރޭވެސް ހަމަ އެ މިސްކިތަށް ގެއްލުން ދީފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ފުލުހުން ކަށަވަރުކޮށްދެއެވެ.
ފުލުހުން މީގެ ކުރިން ބުނިގޮތުގައި، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތުގެ ހާލަތަށް ރިއާޔަތްކޮށް، މިސްކިތުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. މިރޭ ފުލުހުން ހާމަކުރި ގޮތުގައި، ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރެވުނު މަސައްކަތުން އެ މީހާ މިހާރު ވަނީ މުޖުތަމައުން އެކަހެރިކުރެވިފައެވެ.
އަދި އެ ފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




