ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނިގޮތުގައި، މި ތަކެތި އަތުލައިގަނެފައި ވަނީ އިއްޔެއެވެ.
ކަނޑުމަގުން ރާއްޖެއަށް ގެނައި މުދަލެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ފެނުނު މި ތަކެތި ތަހުލީލު ކުރިއިރު، އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ”ސިންތެޓިކް ކެތިނޯން“ އަށް ވަނީ ޕޮޒިޓިވް ވެފައެވެ.
ކަސްޓަމްސްއިން ބުނީ މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3،110 ގްރާމް (3.1 ކިލޯ) ހުރި ކަމަށާއި، ކަސްޓަމްސްއިން އަންދާޒާކުރާ ގޮތުގައި މި ތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ދިވެހި ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކުރެވިފައެވެ.




