އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ގިނަ ފަސޭހަތަކަކާއެކު އެ މުއައްސަސާގެ މޮބައިލް އެޕްލިކޭޝަން އަންނަ ހަފްތާގައި އަލުން ލޯންޗްކުރަން ނިންމާފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އަހުމަދު ފަސީހު ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ ފަސީހު އެކަން ހާމަކުރެއްވީ، އިމިގްރޭޝަންގެ ތާރީހު ދައްކުވައިދޭ، އިމިގްރޭޝަން ވޯލްކް އޮފް ލެގަސީ މައުރަޒު ހުޅުވުމާއި، ޕާސްޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާއެކު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ފަސީހު ވިދާޅުވީ، ރާއްޖެއަކީ މިހާރުވެސް އެންމެ އަވަހަށް ޕާސްޕޯޓް ދޫކުރާ އެއް ޤައުމުކަމަށާއި، މާލޭގައި މިހާރުވެސް ހުށަހަޅާ ދުވަހު ޕާސްޕޯޓް ލިބޭނެ އިންތިޒާމް އޮތްކަމަށެވެ. މީގެއިތުރުން އަތޮޅުތެރޭގެ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި ރާއްޖޭގެ 38 ސްޓޭޝަނަކުން މިހާރު ޕާސްޕޯޓް ދޫކުރަމުންދާކަން ފަސީހު ފާހަގަކުރެއްވިއެވެ.
އަންނަ ހަފްތާގައި އެޕް އަލުން ލޯންޗްކުރަން ނިންމާފައި ވަނީ، މޮބައިލް އެޕުން ޕާސްޕޯޓަށް އެދުމުގެ ޚިދުމަތާއި، ފޮޓޯ ނެގުމާއި، ވިސާނެގުމުގެ ޚިދުމަތް ލިބޭނެ އިންތިޒާމްތަކާއި އެކުގައިކަމަށް ފަސީހު ވިދާޅުވިއެވެ.
”އިތުރު އެންހޭންސްމެންޓާއި އެކު މޮބައިލް އެޕް އަނެއްކާ ތައާރަފްކުރަނީ. މޮބައިލް އެޕުން ޕާސްޕޯޓަށް އެޕްލައި ކުރެވޭނެ. ވިސާވެސް ޗެކްކުރެވޭނެ. ހުރިހާ ޚިދުމަތެއް ލިބޭނެ.“ އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް ފަސީހު ވިދާޅުވިއެވެ.
ޚިދުމަތް ހޯދާ ފަރާތްތަކަށް، ޚާއްޞަކޮށް އިސްރަށްވެހިންނަށް ފޯމް ފުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ކޮންޓްރޯލަރ ވިދާޅުވިއެވެ.
މީގެއިތުރުން އިމިގްރޭޝަންގެ 70 އަހަރުވީ ތާރީޚު ފެންނާނެހެން ’ވޯލްކް އޮފް ލެގަސީ‘ ގެ ނަމުގައި މައުރަޒެއް ހުޅުވައި، އެ މުއައްސަސާގެ ތާރީޚީ މައުލޫމާތުތައް އާންމުންނަށް ފެންނާނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.




