ދައުލަތަށް އެންމެ ގިނަ އަދަދަކަށް ޓެކްސް ދައްކާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދޭ ”ރަންލާރި“ އެވޯޑް 12 ގިންތިއަކުން 20 ފަރާތަކަށް ދީފިއެވެ.
މި އެވޯޑުތައް ހަވާލުކޮށްފައިވަނީ މީރާއަށް 16 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި އެވޯޑުތައް ހަވާލުކޮށްދެއްވީ މާލީ ވަޒީރު ހަސަން ޒަރީރެވެ. މިފަހަރުގެ އެވޯޑުތައް ދީފައިވަނީ 2025 ވަނަ އަހަރު ޓެކްސްގެ ގާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމަކޮށް، އެންމެ ގިނައިން ޓެކްސް ދައްކާފައިވާ ފަރާތްތަކަށެވެ. ޖުމްލަ 12 ގިންތިއަކުން 19 ފަރާތަކަށް މި އެވޯޑު ވަނީ ލިބިފައެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ޖީ.އެސް.ޓީ އާއި ގްރީން ޓެކްސް ރިސޯޓްތަކުގެ ގިންތިން އެވޯޑް ހާސިލްކުރި ފަރާތްތަކަށް ބަލާއިރު، 150 އެނދަށްވުރެ ދަށުގެ ގިންތިން އެވޯޑް ހޯދީ ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އެވެ. 151 އެނދާއި 250 އެނދުގެ ގިންތިން ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑް އެވޯޑް ހާސިލްކުރިއިރު، 250 އެނދަށްވުރެ ގިނަ ރިސޯޓްތަކުގެ ތެރެއިން އެވޯޑް ލިބުނީ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުއްޓަށެވެ.
މީގެ އިތުރުން، ޓޫރިސްޓް ހޮޓާ ގިންތިން ހުޅުލެ އައިލެންޑް ހޮޓެލް، ޓޫރިސްޓް އުޅަނދު ގިންތިން ވިލަމެންދޫ އިންވެސްޓްމަންޓްގެ ”ގޮމަފުޅު”، ޓްރެވެލް އެޖެންސީގެ ބައިން އިންޓުއާ މޯލްޑިވްސް އަދި ގެސްޓްހައުސް ގިންތިން ސަމަން ގްރޭންޑް ވަނީ އެވޯޑް ހާސިލްކޮށްފައެވެ.
އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކުގެ ގިންތިން ޓީއެމްއޭ އެވޯޑް ހޯދިއިރު، ބޭންކުތަކުގެ ތެރެއިން އެންމެ ގިނައިން އާމްދަނީ ޓެކްސް ދައްކައިގެން އެވޯޑް ހޯދީ ބީއެމްއެލް އެވެ. އެއާޕޯޓް ޓެކުހާއި ފީގެ ގިންތިން އިއްތިހާދު އެއަރވޭސް އެވޯޑް ހޯދިއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކައިގެން އެވޯޑް ލިބުނީ ދިރާގަށެވެ.
ރަންލާރި އެވޯޑަކީ ދައުލަތަށް އެންމެ ގިނައިން ޓެކްސް ދައްކައި، ޓެކުހާބެހޭ ގާނޫނީ އިލްތިޒާމްތައް އެންމެ ފުރިހަމައަށް އަދާކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް މީރާއިން ކޮންމެ އަހަރަކުވެސް ދެމުން އަންނަ ޝަރަފުވެރި އެވޯޑެކެވެ.




