ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ”ދަނޑުވެރި މަންފާ” ގްރާންޓް ޕްރޮގްރާމުގެ ދެވަނަ ބުރާއި، އިސްލާމިކް ފައިނޭންސިންގެ ދަށުން ދޫކުރާ ”ދަނޑުވެރި ނަފާ“ ލޯނުގެ ފުރަތަމަ ބުރަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމްތައް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް، ހއ. ކެލަޔަށް ކުރެއްވި ދަތުރުފުޅެއްގައެވެ.
”ދަނޑުވެރި މަންފާ“ ގްރާންޓަކީ ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ ’މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް‘ (މެޕް) ގެ ދަށުން ދޫކުރާ 15 މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ސްކީމެކެވެ. މީގެ އިތުރުން، ކުރިން ދޫކުރަމުންދިޔަ ”ނަފާ ލޯން ސްކީމް“ މިހާރު ވަނީ އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށް ”ދަނޑުވެރި ނަފާ“ ގެ ނަމުގައި އަލުން ތައާރަފްކޮށްފައެވެ.

މި ދެ ސްކީމަކީވެސް އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ.
މި ގްރާންޓް ސްކީމް ހާއްސަކޮށްފައިވަނީ މެޕް ޕްރޮޖެކްޓް ހިނގަމުންދާ ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިންނަށާއި، އެ ރަށްތަކުގައި ހަރަކާތްތެރިވާ އެންޖީއޯތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން ކޯޕޮރޭޓިވް ސޮސައިޓީތަކަށެވެ. މި ބުރުގައިވެސް ފުރުސަތު ހުޅުވާލާފައިވަނީ ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަނަށެވެ. މީގެ ތެރޭގައި ގްރީންހައުސް އިންސްޓޯލްކުރުމާއި، ހައިޑްރޮޕޯނިކްސް ނުވަތަ އެނޫންވެސް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުން ހިމެނެއެވެ.
މި ފެސިލިޓީގެ އަމާޒަކީ ޒަމާނީ ދަނޑުވެރިކަމުގެ ތެރޭގައި ހިމެނޭ އާބަން އެންޑް ޕްރޮޓެކްޓެޑް އެގްރިކަލްޗަރ، ވާޓިކަލް ގާޑްނިންގ، ޕޯލްޓްރީ ފާމިންގ، އަދި އެގްރޯ ޕްރޮސެސިން ފަދަ މަސައްކަތްތަކަށް އެހީތެރިވުމެވެ. މީގެ އިތުރުން، ޖަނަވާރުގެ ދުޅަހެޔޮކަމަށް އަމާޒުކޮށް ވެޓެރިނަރީ ސާރވިސް، ޕެޓް ފާމް އަދި ޕެޓް ސަޕްލައި ފަދަ ޚިދުމަތްތަކަށްވެސް މި ފެސިލިޓީގެ ދަށުން ފައިނޭންސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމްތަކުގެ މައިގަނޑު ބޭނުމަކީ ދަނޑުވެރިންނަށް އެފަރާތްތަކުގެ ވިޔަފާރިތައް ފުޅާކުރުމަށް އިންވެސްޓްކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި، ޒަމާނީ ދަނޑުވެރިކަމަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކުރުމަކީވެސް މި މަސައްކަތުގެ މުހިންމު މަޤުޞަދެކެވެ.
މި ސްކީމްތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށެވެ.




