މޯލްޑިވްސް ޕޫލް ބިލިއަޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މަރިޔަމް މުނާ މިއަދު އައްޔަންކޮށްފިއެވެ.
މުނާ މި މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ޢަބްދުﷲ ބިޝާރުގެ ބަދަލުގައެވެ.
މިއީ ރާއްޖޭގެ ބިލިއާޑް އަދި ޕޫލް އައު ހަރުފަތަކަށް ގެންގޮސް، މި ކުޅިވަރުން އިތުރު ކުރިއެރުންތަކާއި ކާމިޔާބީތައް ހޯދުމަށް ފެށޭ އުއްމީދީ އައު ފެށުމެއް ކަމަށް އެމްޕީބީއޭއިން ވަނީ ބުނެފައެވެ.
އެމްޕީބީއޭގެ ހިންގުމާ ހަވާލުވެވަޑައިގެންނެވި މުނާއަކީ އިދާރީ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން 2007 އިން 2012 އަށް މިނިސްޓްރީ އޮފް ޑިފެންސްގެ އެސިސްޓަންޓ ޑިރެކްޓަރުކަން ކުރެއްވުމުގެ އިތުރުން، ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސްގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
މީގެއިތުރުން މުނާ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމާއި ކޮމިޝަނަރުކަމުގެ މަގާމުގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސްކަންވެސް ކުރައްވާފައެވެ. މުނާ ވަނީ އޭޝިއާ ޝިޕިންގ އެންޑް އިންޓަރނޭޝަނަލް ޓްރޭޑިންގެ ކޯޕަރޭޓް ސެކްރެޓަރީގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.
ތައުލީމީ ދާއިރާއަށް ބަލާއިރު، މުނާ ވަނީ އޮސްޓްރޭލިއާގެ އީޑިތް ކޯވަން ޔުނިވަރސިޓީން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ.




1 Comment
ތިހަލާކުވީ ތިތަން. އެކައްޗެއްވެސް އެނގޭ މީހެއްނޫން ތިތާ އެންމެން ވެސް ކަނޑަންފަށާނީ