ކީރިތި ޤުރްއާނާ ބެހޭ ކަންކަމަށް ޚާއްޞަކޮށްގެން މާލޭގައި ބިނާކުރާ 15 ފަންގިފިލާގެ ވަޤްފު އިމާރާތް، ”ދާރުއްނޫރު” ގެ ތަފްސީލީ ކުރެހުންތައް އަންނަ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢަކީ ކުރިން ކޮރަލް ބޮލިވާޑް މަޝްރޫޢު ހިންގުމަށް ހަމަޖެހިފައި އޮތް ބިމުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.
އެ ބިމުގެ ބޮޑުމިނުގައި 70,000 އަކަފޫޓު ހުންނައިރު، އޭގެ ތެރެއިން 10,000 އަކަފޫޓު މި ވަޤްފު އިމާރާތަށް ޚާއްޞަ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މިނިސްޓަރު ވިދާޅުވީ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މި އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި އިމާރާތުގެ ތިން ފަންގިފިލާ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީގެ މަރުކަޒީ އިދާރާ ހިންގުމަށް ޚާއްޞަ ކުރެވޭނެ ކަމަށެވެ. މީގެ މައިގަނޑު ބޭނުމަކީ މިހާރު އިސްލާމީ މަރުކަޒުގައި ހިންގަމުންދާ މިނިސްޓްރީގެ އޮފީސްތައް އެތަނަށް ބަދަލުކޮށް، އިސްލާމީ މަރުކަޒަކީ ހަމައެކަނި ދީނީ އަދި ޢިލްމީ ކަންކަމަށް ޚާއްޞަ ތަނެއްގެ ގޮތުގައި އޭގެ އަސްލު މަޤްޞަދަށް ރުޖޫޢަކުރުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެގޮތުން އިސްލާމީ މަރުކަޒުގައި ހުރި ލައިބްރަރީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، އެކި ޢުމުރުފުރާތަކުގެ މީހުންނާއި ސްކޫލް ކުދިންނަށް ދީނީ މަޢުލޫމާތު ލިބޭނެ ފަދަ މަރުކަޒަކަށް އެތަން ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
”އެއާއެކު ހަގީގީ މާނައިގައި އިސްލާމީ މަރުކަޒުގެ ދައުރު އަލުން އިޢާދަ ކުރެވޭނެ،“ މިނިސްޓަރު ވިދާޅުވިއެވެ.
މިހާރުވެސް މާލެ އާއި ހުޅުމާލޭގައި ވަޤްފު ދެ އިމާރާތެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެ މިނިސްޓްރީގެ ދީނީ ހަރަކާތްތަކަށް ދައުލަތުގެ ބަޖެޓަށް ބަރޯސާވާން ނުޖެހޭ މިންވަރަށް ވަޤްފު ފަންޑު ތަނަވަސްވާނެ ކަމަށެވެ. މިސާލެއްގެ ގޮތުން މާލޭގައި ހުރި ”ދާރުލް އީމާން“ ވަޤްފު އިމާރާތުން އެކަނިވެސް އަހަރަކު 5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނޫރު އިމާރާތުން ލިބޭ ކުލީގެ އާމްދަނީ މުޅިންވެސް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުމަށާއި، ޤުރްއާން ހިތުދަސް ހާފިޒުން ބިނާކުރުމުގެ މަސައްކަތްތަކަށެވެ.



