ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކާރނޭޝަންވިއު / ހއ. ބާރަށް، އިބްރާހީމް ކަލީމް (35އ) އެވެ.
ފުލުހުން ބުނިގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ، މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދާ ބޯޓަކުން މީހަކު މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މި މަހު 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ކުޅުދުއްފުށި ޕޮލިހާއި، ހަނިމާދޫ ޕޮލިސް އަދި އަޕަރނޯތު ޕޮލިސް ސީރިއަސް ކްރައިމް އިވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕަރޭޝަންގައި ކުޅުދުއްފުށި ސިޓީ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 29.86 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.




