މާލޭގެ ދޫހިމެރި މަގު ސަރަހައްދުގައި އުޅޭ ރައްޔިތުންނަށާއި އެ މަގުތަކުން ދަތުރުކުރާ އާންމުންނަށް ތަކުރާރުކޮށް ބޮޑެތި އުނދަގޫތަކެއް ކުރަމުންދާތީ ހައްޔަރު ކުރި މީހާ ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ މަރުކަޒުން ފިލައިފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އަހްމަދު ފައިރިޝް ނަމަކަށް ކިޔާ ހއ. ހޯރަފުށީ މީހެކެވެ.
މިމަހުގެ 17ވަނަ ދުވަހު ފައިރިޝް ހައްޔަރުކޮށްފައި ވަނީ، އޭނާގެ ފަރާތުން ލިބެމުންދާ ގޯނާތަކާއި އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެދި އަނިޔާ ލިބޭ އާއިލާއަކަށް ނިސްބަތްވާ އާންމު ރައްޔިތަކު ފުލުސް އޮފީހަށް ގޮސް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރުމާއި ގުޅިގެންނެވެ.
ފުލުހުން މިއަދު ބުނީ، ފައިރިޝް ފުލުހުންގެ ބެލުމުގެ ދަށުން ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެތަނުގެ ބެލުމުގެ ދަށުގައި ހުއްޓާ މިއަދު މެންދުރުގެ ވަގުތެއްގައި ފިލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު ފައިރިޝްގެ ފަރާތުން އެ ސަރަހައްދުގެ މީހުންނަށް އިންތިހާއަށް އުނދަގޫތައް ވަނީ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި މަގުންދާ މީހުންނާ ދިމާލަށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔުމާއި، ޕްލާސްޓިކް ފުޅިން މީހުންގެ ގައިގައި ތެޅުމާއި، މަގުމައްޗަށް ސައިކަލުތައް ވައްޓައިގެންނާއި ބޯޑުތައް ދަމައިގެން މަގު ބަންދުކުރުން ހިމެނެއެވެ.
މީގެއިތުރުން، އެ ސަރަހައްދުގެ ގެއަކަށް ކުނިއެޅުމާއި، ބެލްކަނީގައި ހުރެ މަގުމަތިންދާ މީހުންގެ ގަޔަށް ފެނާއި ތެޔޮ އުކުމުގެ އިތުރުން، ދަންވަރުން ފެށިގެން ފަތިސް ވަންދެން ހަޅޭއްލަވައި އަޑުގަދަކުރުމާއި، ހުއްދައަކާ ނުލައި މީހުންގެ އިމާރާތްތަކަށް ވަދެގަތުން ފަދަ ނުރައްކާތެރި އެތައް އަމަލެއް ފައިރިޝް ހިންގާފައިވެއެވެ.



