ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ތ. ތިމަރަފުށީގައި ތަރައްޤީކުރާ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް މުޅިން ނިމިފައިވާ ކަމަށް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަކޮށްފިއެވެ.
ތިމަރަފުށީ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
ތިމަރަފުށްޓަކީ ހުނަރުވެރި ފުޓްސަލް ކުޅުންތެރިން ގިނަ ރަށެއްކަން ފާހަގަކޮށްލެވޭއިރު، މި ދަނޑަކީ ރަށުގެ ޒުވާނުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނެކެވެ. މީގެ ކުރިން ތިމަރަފުށީގައި ފުޓްސަލް މުބާރާތްތަކަށް ފަރިތަކުރުންތައް ބޭއްވުމަށް ޚާއްސަ ދަނޑެއް ނޯވެއެވެ. ނަމަވެސް އަލަށް ތަރައްޤީކުރި މި ދަނޑާއެކު، ރަށުގެ ފުޓްސަލް ޓީމުތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި ދަނޑަކީ ހަމައެކަނި ޒުވާނުންނަށް އަމާޒުކޮށްގެން ތަރައްޤީކުރި ތަނެއް ނޫނެވެ. މިއީ ރަށުގެ ކުޑަކުދިން މި ކުޅިވަރަށް ތަމްރީނުކުރުމަށްވެސް ހުޅުވިގެންދާނެ މުހިންމު ދޮރެއް ކަމަށް ސަރުކާރުން ދެކެއެވެ.




