ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ މާލޭގައި ހުންނަ މަޖުދުއްދީން ދަނާލުގައި އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކު މަރުވެފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި، މި ހާދިސާއާ ގުޅިގެން ދޮގު ވާހަކަ ނުފެތުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ގދ. ތިނަދޫއަށް ނިސްބަތްވާ މަރްޔަމް ހާސިދާ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފްއިން ވަނީ ރޭ ފަތިހު 02:30 ހާއިރު އެ ސަރަހައްދުގައި ހަރަކާތްތެރިވެފަ އެވެ.
ފުލުހުން ބުނެފައިވަނީ 18 އަހަރުގެ އަންހެނަކު ނިޔާވި ހާދިސާގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
މި މައްސަލައާ ގުޅޭގޮތުން ސޯޝަލް މީޑިއާ އާއި އެނޫންވެސް ވަސީލަތްތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކާއި، އަސާސެއް ނެތް ތުހުމަތުތަކުގެ އިތުރުން ވީޑިއޯ ފަދަ ތަކެތި ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
”ސައްހަކަން ކަށަވަރުނުވާ މިފަދަ މައުލޫމާތު ފެތުރުމަކީ، މަރުހޫމްގެ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމަކަށްވާނެ ކަމަށާއި އަދި މިއީ ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެއް،“ ފުލުހުން ބުނެފައިވެ އެވެ.
އެހެންކަމުން، މި ހާދިސާއާ ގުޅޭގޮތުން ސައްހަކަން ކަށަވަރުނުކުރެވޭ އެއްވެސް މައުލޫމާތެއް ނުފެތުރުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.




