ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުން ހަރުދަނާކުރުމަށްޓަކައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން މުހިންމު އިސްލާހުތަކެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު މި ބިލު ހުށަހަޅުއްވައިދެއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ.
މި އިސްލާހުތަކުގެ މައިގަނޑު މަގްސަދަކީ ވަޒީފާ އަދާކުރާ ތަންތަނުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް ހަރުދަނާކޮށް، ވަޒީފާދޭ ފަރާތްތަކާއި އެ ތަންތަނުގައި އުފައްދާ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްސީލުކުރުމެވެ.
މިގޮތުން، ޝިކާރައަކަށްވާ ފަރާތްތަކުގެ ޙައްގުތައް ރައްކާތެރިކުރެވޭނެ މޭރުމުން ޝަކުވާތައް ބެލުމުގެ އުސޫލުތަކާއި އިޖުރާއަތުތައް ވަނީ އިސްލާހުކޮށްފައެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފުރައްސާރަ ނުވަތަ ގޯނާގެ އަމަލު ހިންގީ ސީދާ ވަޒީފާ އަދާކުރާ ތަނުގައި ނުވަތަ ރަސްމީ ވަގުތެއްގައި ކަމަށް ވާން ނުޖެހެއެވެ. ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް މިފަދަ ކަންކަމަށް ޚާއްސަ ސިޔާސަތެއް އެކުލަވާލައި، މުވައްޒަފުން ހޭލުންތެރިކުރުވުމާއި ތަމްރީން ދިނުމަކީ ލާޒިމު ކަމެއްގެ ގޮތުގައި ވަނީ ހިމަނާފައެވެ.
އާ އިސްލާހުގެ ދަށުން، ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ކޮމިޓީ އެކުލަވާލުމަށްފަހު އެކަން އަންގަންޖެހޭނީ ހިޔުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށެވެ. މީގެ ކުރިން މިކަން އަންގަން ޖެހެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ. އަދި ކޮމިޓީ އެކުލަވާލުމުގައި މަދުވެގެން 3 މެންބަރުން ތިބެންޖެހޭއިރު، އެއީ އޮނަހިރި އަދަދަކަށް އަދި ދެ ޖިންސުގެ މެންބަރުން ހިމެނޭ ގޮތަށް އައްޔަންކުރަންޖެހޭ ކޮމިޓީއެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މައްސަލަ ބަލައި ނިންމުމަށް ކޮމިޓީއަށް 60 ދުވަހުގެ މުއްދަތެއް ލިބޭއިރު، ބޭނުންވެއްޖެ ނަމަ އިތުރު 30 ދުވަސް އިތުރުކުރެވޭނެއެވެ. މައްސަލަ ބަލައި ނިންމުމަށްފަހު އަޅާ ފިޔަވަޅުތައް 5 ދުވަހުގެ ތެރޭގައި ކަމާބެހޭ ފަރާތްތަކަށް އަންގަންވާނެއެވެ.
މީގެ އިތުރުން، މައްސަލަ ބަލާ މުއްދަތުގައި ޝަކުވާ ރައްދުވާ ފަރާތް މުސާރަ ހިނގާގޮތަށް ސަސްޕެންޑް ކުރުމުގެ ބާރުވެސް ކޮމިޓީއަށް ލިބިގެންވެއެވެ.



