ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން މަރާލިކަމުގެ ދައުވާ ސާބިތުވެ، ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމް (45އ) އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ލިޓަންއާއި ނިޒާމް ތެޔޮ ބޯޓެއްގައި ކަނޑު މައްޗަށް ނިކުމެ އުޅެނިކޮށް ޚަބަރެއް ނުވެގެން އެމީހުން ހޯދަން ފެށީ، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
އަދި އެމީހުން ހޯދަމުން ދަނިކޮށް އެމީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ، ކ.ހުޅުލެ ނެރު ކައިރިން ފެނިފައެވެ. އަދި ގެއްލުނު ކަމަށް ބުނާ ނިޒާމް މާލެއިން ފެނިގެން ފުލުހުން އޭނާ ހައްޔަރު ކުރީ، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.
ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ނިޒާމް ވަނީ ލިޓަންއަށް ނޭނގި ހުއްޓާ އޭނާ މޫދަށް ކޮށްޕައި ވައްޓާލައިފައެވެ. މި މައްސަލައިގައި ނިޒާމްގެ މައްޗަށް ދައުލަތުން ގަސްތުގައި މީހަކު މެރުމުގެ ދައުވާގެ އިތުރުން ވައްކަން ކުރުމާއި ޑައިމޯފިންއިން މުއާމަލާތް ކުރުމުގެ ދައުވާ ވެސް އުފުލާފައިވެއެވެ.
މި މައްސަލައިގައި ނިޒާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މައްސަލަ ބެއްލެވި ފަނޑިޔާރު ފާހަގަކުރެއްވި ގޮތުގައި، ލިޓަން މޫދަށް ވައްޓާލި ސަރަހައްދުގެ ގޮތުން އޭނާ ސަލާމަތްވުމުގެ ފުރުސަތު އޮތީ ވަރަށް ކުޑަކޮށެވެ. އަދި ނިޒާމާއި ލިޓަންއާ ދެމެދު އަދާވާތްތެރިކަން އޮތްކަން ސާބިތުވާ ކަމަށާއި، ތަހުގީގު ބަޔާނުގައި ލިޓަން މޫދަށް ވައްޓާލި ކަމަށް ނިޒާމް އަމިއްލައަށް އެއްބަސްވެފައިވާކަން ވެސް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމުގައި ވަނީ ދައުލަތުން އެދުނު ގޮތަށް އަދަބު މަތިކޮށް، ނިޒާމް 25 އަހަރަށް ޖަލަށް ލުމަށް ނިންމާފައެވެ. ނަމަވެސް، އޭނާ މިހާތަނަށް ބަންދުގައި ހޭދަކުރި 3 އަހަރާއި 1 މަހާއި 29 ދުވަސް ހުކުމުން އުނިކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެހެންކަމުން، މި ހުކުމާ ގުޅިގެން ނިޒާމް ދެން ތަންފީޒު ކުރަން ޖެހޭނީ 21 އަހަރާއި 10 މަހާއި 1 ދުވަހުގެޖަލު އަދަބެކެވެ.




