މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 5.5 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު 33 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
އެސްޓީއޯއިން ހާމަކުރި ގޮތުގައި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މައްޗަށް ދިއުން ހިމެނެއެވެ. މީގެ އިތުރުން، މި ކުއާޓަރުގައި ބަންކަރިން ހިމެނޭގޮތަށް ކުންފުނިން ވިއްކި ތެލުގެ އަދަދު 27 އިންސައްތަ އިތުރުވެފައިވާއިރު، ކުންފުނީގެ އެހެން ދާއިރާތަކުގެ ވިޔަފާރިތައް ވެސް ވަނީ ބޮޑުތަނުން ރަނގަޅުވެފައެވެ.
އާމްދަނީއަށް އައި މި ބަދަލާއެކު، ކުންފުނީގެ ޖުމްލަ ފައިދާގެ ގޮތުގައި 785 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 17 އިންސައްތައިގެ އިތުރުވުމެކެވެ. ހިންގުމުގެ ހަރަދުތައް ނިސްބަތުން އިތުރުވި ނަމަވެސް، ހިންގުމުގެ ފައިދާ ވަނީ 14 އިންސައްތަ އިތުރުވެ، 368 މިލިޔަން ރުފިޔާއަށް އަރާފައެވެ.
މާލީ ހިސާބުތައް ދައްކާގޮތުން، ފައިނޭންސް ކުރުމުގެ ހަރަދުތައް ކުޑަކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 331 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 20 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ރެކޯޑު ކުރެވިފައިވަނީ 276 މިލިޔަން ރުފިޔާއެވެ.
އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ސަރުކާރު ހިއްސާވާ ކުންފުންޏެވެ. އެ ކުންފުނިން ތެލާއި، ބޭހާއި، ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކެއިންބުއިމުގެ ބާވަތްތަކުގެ ވިޔަފާރި ރާއްޖޭގެ ބާޒާރުގައި އެންމެ ފުޅާކޮށް ކުރަމުންދެއެވެ.




