ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މާދަމާ ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.
ޕީއެންސީއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ޕްރައިމަރީގެ ވޯޓްލުން ކުރިއަށްދާނީ މާދަމާ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށެވެ.
މި އިންތިޚާބުގައި ވޯޓްލުމަށްޓަކައި ހިތަދޫ އުތުރު ދާއިރާގެ އިތުރުން މާލޭގައި ވެސް ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރައިމަރީގައި ވޯޓްލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ ދާއިރާއަށް ރަޖިސްޓްރީވެފައިވާ މެންބަރުން ވޯޓްލާނީ ހިތަދޫގައި ބަހައްޓާފައިވާ ފޮށިތަކަށެވެ. އަދި މާލެއާއި އެހެނިހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ އެ ދާއިރާގެ މެންބަރުން ވޯޓްލުމަށް ހަމަޖެހިފައިވަނީ މާލޭގައި ބަހައްޓާ ވޯޓް ފޮށިތަކަށެވެ.
މި ޕްރައިމަރީގައި ޖުމްލަ 727 މީހަކަށް ވޯޓްލުމުގެ ޙައްޤު ލިބިގެންވާ ކަމަށް ޕާޓީން ބުނެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓަށް ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އާއި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު އެވެ.
މި އިންތިޚާބުގެ ހުރިހާ ކަމެއް ކުރިއަށްދާނީ ޕާޓީގެ އިންތިޚާބީ ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުގައި ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހުއެވެ. މި ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.




