މުސްލިމެއްގެ ދިރިއުޅުމުގެ ބިންގަލަކީ ސާފުތާހިރުކަން ކަމަށާއި، އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ސާފުޠާހިރުކަމާއި ޒީނަތްތެރިކަން“ މި މައުޞޫއަށް މިއަދު އިއްވި ހުތުބާގައި ބުނީ، އެހެން ދީންތަކާއި ޙަޟާރަތްތަކުގައި އިންސާނާގެ ރީތިކަން ބޭރުފުށުގެ ޒީނަތުން މިންކުރި ނަމަވެސް، އިސްލާމްދީން ބަލަނީ އެތެރެފުށާއި ބޭރުފުށުގެ ތާހިރުކަމަށް ކަމަށެވެ.
ހުތުބާގައި ފާހަގަކުރި ގޮތުގައި މުސްލިމަކު ނަމާދަށް ހުއްޓެނީ ވުޟޫކޮށް ތާހިރުވެގެންނެވެ. އަދި ޤުރްއާން ކިޔަވަނީ ވެސް ތާހިރުކަންމަތީ ހުރެގެންނެވެ. ހަށިގަނޑާއި ފޭރާމާއި އުޅޭ ތަން ސާފުކޮށް ބެލެހެއްޓުމަކީ ހަމައެކަނި އާދައެއް ނޫން ކަމަށާއި، އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ލޯބިވެވޮޑިގަންނަވާ މަތިވެރި އަޅުކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.
މާތްﷲ އިންސާނާ އުފައްދަވާފައިވަނީ ފިޠުރަތުގެ ސާފުކަންމަތީގައި ކަމަށްވެސް ހުތުބާގައި ހަނދާންކޮށްދިނެވެެ. ސާފުކަން ދެމެހެއްޓުމަށްޓަކައި މާތް ނަބިއްޔާ އުނގަންނައިދެއްވާފައިވާ ފިޠުރަތުގެ ފަސް ސުންނަތެއް ހުތުބާގައި ބަޔާންކުރިއެވެ.
އެއީ ޚިތާނުކުރުމާއި، ފޫޅުންތިރީ އިސްތަށި ބޭލުމާއި، ކިހިލިފަތް ދަށު އިސްތަށި އުފުރުމާއި، ނިޔަފަތި ކެނޑުމާއި، މަތިމަސް ކޮށުމެވެ. މި ކަންކަމަށް ފަރުވާކުޑަކުރުމަކީ ޖަރާސީމު އުފެދި، ހަށިގަނޑުން ނުބައި ވަސް ދުވުމަށް މެދުވެރިވާ ކަމެއް ކަމަށާއި، އެއީ މުސްލިމުންގެ އަޚުލާޤެއް ނޫން ކަމަށް ހުތުބާގައި ބުންޏެވެ.
ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ސާފުތާހިރުވުމުގެ ނަމުގައި ދީނީ އިންތަކުން ބޭރުވާތީ އެކަމަށް ހުތުބާގައި އިންޒާރުދިނެވެ. އެގޮތުން ސެލޫންތަކަށް ގޮސް ”ވެކްސް“ ކުރުމާއި ”ލޭޒާ“ ހެދުމަށްޓަކައި ހުއްދަ ނޫން މީހުންގެ ކުރިމަތީގައި އައުރަ ކަޝްފުކުރުމަކީ ޞިއްޙީ ޟަރޫރަތެއްގައި މެނުވީ ހަރާމް ކަމެއް ކަމަށް ބުންޏެވެ. މީގެ އިތުރުން، ފިޔާ ނުވަތަ ލޮނުމެދު ކައިގެން ނުވަތަ ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުބައި ވަސް ދުވާ ހާލުގައި މިސްކިތުގެ ޖަމާއަތަށް ނުދިއުމަށްވެސް ހުތުބާގައި އިލްތިމާސްކުރިއެވެ.
ހުތުބާގައި ބުނިގޮތުގައި، މިއަދުގެ މުޖުތަމަޢުން ފެންނަ ހިތާމަވެރި ބައެއް މަންޒަރުތަކަށް ބަލައިލާ އިރު، ބައެއް ފަހަރު ނޭނގުމުގެ ތެރެއިން ނަމަވެސް، ހެދުން އެޅުމުގައި ބޮޑެތި ކުށްތަކަށް އަރައިގަނެވެއެވެ.
ބުރުގާ އެޅުމުގެ އަޞްލު މަޤުޞަދަކީ ޢައުރަ ނިވައިކުރުމާއި ޢިއްފަތްތެރިވެ އަބުރުވެރިވުން ކަމަށް ހުތުބާގައި ބުންޏެވެ. ނަމަވެސް ބުރުގާ އަޅައިގެން ތިބޭ އިރު، ކަންފަތުގައިލާމުދި ނުވަތަ ކަރުގައި އަޅާ ފަށް ފެންނަގޮތަށް ބުރުގާ އެޅުމާއި، ބޮލުގައި ފޮތިކޮޅެއްއޮޅައިލައިގެން ކަނދުރާ ފެންނަގޮތަށް ހެދުން އެޅުމަކީ ޙިޖާބުގެ މަޤުޞަދު ގެއްލޭ ކަމެއް ކަމަށާއި ހަށިގަނޑުގެ ވަނާތައް އެނގޭ ގޮތަށް ގަޔަށްބާރު ހެދުން ލައި، ހިލޭ ފިރިހެނުންގެ ލޮލުގައި އަޅައިގަންނަ ފަދަ ގޮތްގޮތަށް ޒީނަތްތެރިވުމަކީ އިހުގެ ޖާހިލީ ޒަމާނުގެ އާދައެއް ކަމަށް ހުތުބާގައި ބުންޏެވެ.
ހަމައެފަދައިން ފިރިހެނުންނަށް ވެސް ކުޅިވަރުގެ މައިދާނުގައިވިޔަސް، އަދި އެހެން ތަނެއްގައި ވިޔަސް ޢައުރަ ހާމަނުކުރުމަށް ހުތުބާގައި ގޮވާލިއެވެ. ޢައުރަ ނިވައިނުވާވަރުގެ ފޭރާން ލައިގެން އުޅުމަކީ މުސްލިމުންގެ ކަމެއް ނޫން ކަމަށާއި، ނަމާދުގައި ރުކޫޢުކޮށް ސަޖިދަކުރާއިރު ޢައުރަ ކަޝްފުވާފަދަ ހެދުން އެޅުމަކީ ނަމާދު ބާޠިލުވާނޭކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނިގޮތުގައި، ޒީނަތްތެރިވުމުގެ ނަމުގައި، މާތް ﷲ އުފެއްދެވި ސިފަ ބަދަލުކުރުމަކީ ޝައިޠާނާގެ މަޅިތަކުގެ ތެރެއިން މަޅިއެކެވެ. މިގޮތުން ޓެޓޫ ޖެހުމާއި ބުމަ ހެދުން ނުވަތަ ބުމައިގެ އިސްތަށި އުފުރައި، ބުމަ ތުނިކުރުމާއި ހަށިގަނޑުގެ ސިފަ ބަދަލުކުރުން ފަދަ ކަންކަން ކުރުމަކީ ﷲގެ ލަޢުނަތް ހުރި ކަންކަމެވެ.
މާތް ނަބިއްޔާ ﷺ ޙަދީޘް ކުރައްވައިފައި ވެއެވެ. ”ޓެޓޫ ޖަހައިދޭއަންހެނުންނާއި ޓެޓޫ ޖަހައިދެވޭ އަންހެނުންނާއި ބުމަ އުފުރައި ނުވަތަ ބުމަ ބައިލައިދޭއަންހެނުންނާއި ބުމަ އުފުރައި ނުވަތަ ބުމަ ބައިލައިދެވޭ އަންހެނުންނާއި އަދި ރީތިކަންދެއްކުމަށް ޓަކައި މެދު ދެ ދަތް ދުރުކުރާ އަންހެނުންނާއި، ﷲގެ ޚަލްޤު ބަދަލުކުރާއަންހެނުންނަށް މާތް ﷲ ލަޢުނަތްލެއްވިއެވެ.“
ހުތުބާ ނިންމާލަމުން ބުނީ މާތްﷲ އީ ރީތިކަމަށް ލޯބިކުރައްވާ ރަސްކަލާނގެ ކަމަށެވެ. އެހެންކަމުން ބޭރުފުށުގެ ސާފުތާހިރުކަމާ އެކު، މާތްﷲ އެންގެވި ގޮތަށް އަމަލުތައް ބަހައްޓައިގެން އެތެރެފުށުގެ ސާފުތާހިރުކަން އިސްކުރުމަށް ހުރިހާ މުސްލިމުންނަށް ނަސޭހަތްތެރިވިއެވެ.




