ދަރުމަވަންތަ ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާދޭ އިތުރު ކެތުލެބެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށް މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގައި މިހާރުވެސް ހައިބްރިޑް ކެތު ލެބެއް ހުރި ނަމަވެސް، ޚިދުމަތްތައް އިތުރުކުރުމަށްޓަކައި އައު ކެތުލެބެއް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ އެ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައެވެ.
މިހާރު ހުންނަ ކެތުލެބުގައި ސިންގަލް ޕްލޭނަރ އެއް ހުރިނަމަވެސް، އަލަށް ތަރައްޤީ ކުރާ ތަނުގައި ބައިޕްލޭނަރއެއް ބަހައްޓާނެ ކަމަށް ހަލީމް ފާހަގަކުރެއްވިއެވެ.
”ރޫމް އިންނާނީ ރެޑީގައި. މެޝިން ބަހައްޓަން ޖެހޭނީ. އެތަނަށް މި ގެންނަނީ ބައިޕްލޭނަރ އެއް. ކުރިއަށް އޮތްތަނުގައި ސްޕައިން ސާޖަރީތައް ސިކުނޑީގެ ސާޖަރީތައް ހެދުމަށް ފަސޭހަވެގެންދާނެ،“ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.
މި މަސައްކަތަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށާއި، މިއަހަރުގެ ތިންވަނަ ކުއާޓާގައި އައު ކެތުލެބް ބޭނުންކުރަން ފެށޭނެ ކަމަށްވެސް ހަލީމް ވިދާޅުވިއެވެ. މީގެ އިތުރުން، މީގެ 10 އަހަރު ކުރިން އައިޖީއެމްއެޗްގައި ޤާއިމްކޮށްފައިވާ ކެތުލެބް އަޕްގްރޭޑް ކުރަން ޖެހިފައިވާކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
މިހާރު މާލޭގެ އިތުރުން އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައިވެސް ކެތުލެބުގެ ޚިދުމަތް ދެމުންދާއިރު، އައްޑޫގެ ކެތުލެބް ހިންގަނީ އައިޖީއެމްއެޗްގެ އެހީތެރިކަމާ އެކުގައެވެ.
ކެތުލެބަކީ ހިތާއި ލޭހޮޅިތަކުގެ ޞިއްޙީ ހާލަތު ދެނެގަތުމަށާއި، ހިތުގެ ބަލިތަކަށް ފަރުވާދިނުމަށް ޚާއްޞަ ތަނެކެވެ. މި ޚިދުމަތުގެ ތެރެއިން ސިކުނޑީގެ ލޭހޮޅި ބެދުމުން ކަފާނުލައި އެހޮޅި ހުޅުވާލުމާއި، ސިކުނޑީގެ ޓިއުމަރާއި ނާރުގެ ފަރުވާގެ އިތުރުން ހިތުގެ އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ސަރުކާރުން ވަނީ 2024 ވަނަ އަހަރު ދަރިމައިވުމުގެ ފަރުވާއާއި، ކެތުލެބް އަދި ކުޑަކުދިންގެ އިމަރޖެންސީ ފަރުވާއާއެކު މައި ހޮސްޕިޓަލެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް ކަނޑައަޅާފައެވެ.




