ކ. މާފުށީގައި ”މާރަނގަ މާކެޓް“ގެ ނަމުގައި ސިލްސިލާ ބާޒާރެއް ބާއްވަން ފަށައިފިއެވެ.
މިއީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މާފުށީ ކައުންސިލާއި، މާފުށީ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމެޓްޑް (އެމްއެލްއޭސީ) އަދި ބީސީސީ ގުޅިގެން ކުރިއަށްގެންދާ މި މާކެޓް މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ބާޒާރުގެ ހަރަކާތްތައް ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް މާފުށީގައި ކުރިއަށްދާނެ ކަމަށް ބީސީސީން މައުލޫމާތުދެއެވެ.
މި މާކެޓުގެ މައިގަނޑު މަގްސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް އިސްތިހާރުކޮށް، ވިއްކުމުގެ ފަހި ފުރުސަތެއް ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމެވެ. މި އެޕްރީލް މަހުން ފެށިގެން ކޮންމެ މަހަކު އެއްފަހަރު މާފުށީގައި މި ބާޒާރު ބޭއްވުމަށް ވަނީ ނިންމާފައެވެ.
މިހާރު ކުރިއަށްދާ މާކެޓުގައި ޖުމްލަ 12 ކިއޮސްކު ދޫކޮށްފައިވާއިރު، އޭގެ ތެރޭގައި މާފުށީގެ ވިޔަފާރިތަކަށް ޚާއްސަ 4 ކިއޮސްކާއި މާލޭގެ ވިޔަފާރިތަކަށް ދޫކުރި 8 ކިއޮސްކު ހިމެނެއެވެ.
މި ކިއޮސްކުތަކުގައި ކާބޯތަކެއްޗާއި، ޕޭސްޓްރީ އަދި އަތްތެރި މަސައްކަތުގެ ތަފާތު އުފެއްދުންތައް ލިބެން ހުންނާނެއެވެ.




