ސައޫދީ އަރަބިއްޔާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާސިމް އަލް ހަކީމް، އަށް ދުވަހުގެ ދަތުރެއްގައި މި މަހުގެ 27 ވަނަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ހުއްދައާއެކު މި ދަތުރު އިންތިޒާމު ކުރަނީ ”ދަ ޓްރެވަލާ“ ގްރޫޕުންނެވެ.
މި ދަތުރުފުޅުގައި ރާއްޖޭގެ ފަސް ސިޓީއެއްގައި ޝައިހް އާސިމް ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލެ، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ދަރުސްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. ސިޓީ ތަކަށް ދަތުރުތައް ހަމަޖައްސާފައި ވަނީ އެ ސިޓީއެއްގެ ކައުންސިލުންނެވެ.
ދަ ޓްރެވަލާ ގްރޫޕުގެ އެއް ފައުންޑާ އަހުމަދު ނަޖާހު ވިދާޅުވި ގޮތުގައި، ޝައިހްގެ ދަރުސްތައް ފައްޓަވާނީ މި މަހުގެ 28 ވަނަ ދުވަހުގެ ރޭ 8:30 ގައި ކުޅުދުއްފުށިންނެވެ. އޭގެ ފަހުން 29 ވަނަ ދުވަހުގެ ރޭ މާލޭގައި ދަރުސް އޮންނައިރު، 30 ވަނަ ދުވަހުގެ ރޭ ދަރުސް ދެއްވާނީ އައްޑޫ ސިޓީގައެވެ. އަދި އަންނަ މަހުގެ ފުރަތަމަ ދުވަހު ފުވައްމުލަކުގައި އަދި ދެވަނަ ދުވަހުގެ ރޭ ތިނަދޫގައި ދަރުސް ދެއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
ނަޖާހު އިތުރަށް ވިދާޅުވީ، ކޮންމެ ދަރުހެއް ނިމުމުން އާންމުންނަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ.
”ކޮންމެ ދަރުހަކަށް ފަހު ވެސް 15 ވަރަކަށް މިނެޓް އާންމުންގެ ސުވާލުތަކަށް ފުރުސަތު ދެއްވާނެ،“ ނަޖާހު ވިދާޅުވިއެވެ.
ޝައިހް އާސިމް އަލް ހަކީމަކީ ހުދާ ޓީވީ އާއި ޕީސް ޓީވީ ފަދަ ބައިނަލްއަގުވާމީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް އިނގިރޭސި ބަހުން ދީނީ އިލްމު ފެތުރުއްވުމުގައި ފާހަގަކޮށްލެވޭ، ގިނަ ބައެއްގެ އިތުބާރު ހޯއްދަވާފައިވާ އިލްމުވެރިއެކެވެ.




