ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ނަގާފައިވާ ލޯނުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް އިންސާފުވެރިކަމާއެކު ބަލައި، އެކަންކަމަށް ހައްލު ހޯދައިދެއްވާނެ ކަމަށް އިކޮނޮމިކްސް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، އާންމު ފަރާތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް މިނިސްޓަރަށް ފޮނުވި ސިޓީއަކަށް ދެއްވި ޖަވާބުގައެވެ.
ޓެކްސީ ނަފާ ލޯނު ސްކީމްއާއި ގުޅިގެން އާންމު ފަރާތުން ސޯޝަލް މީޑިއާގައި މިނިސްޓަރު ސަޢީދަށް އެޑްރެސްކޮށް ލިޔެފައިވާ ގޮތުގައި، ޓެކްސީ ނަފާ ލޯނު ސްކީމަކީ ގްރޭޓަރ މާލޭ ސަރަޙައްދުގައި ޓެކްސީ ވިޔަފާރި ފަށައިގަތުމަށް ރައްޔިތުންނަށް އެހީތެރިވުމަށް ތަޢާރަފްކުރި ސްކީމެކެވެ. ނަމަވެސް، ލޯނުގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓަރ ކުރުމުގެ މަސައްކަތް ލަސްވުމުގެ ސަބަބުން، ކާރުތައް ބޭނުން ނުކުރެވި ހުއްޓައި ލޯނު ދެއްކުމަށް ތަކުރާރުކޮށް ބާރުއަޅަމުންދާތީ ލޯނު ނެގި ފަރާތްތަކަށް ބޮޑެތި ތަކްލީފުތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
މި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން އިންސާފުވެރިކަމާއެކު ބަލައި، ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކަކާއި ހައްލުތަކެއް ހޯދައިދިނުމަކީ އެންމެ އިސް އެއް ވާޖިބު ކަމުގައި ދެކޭކަމަށެވެ. އަދި މި މައްސަލަތައް ބަލައިދިނުމަށް އެދި ޓްރާންސްޕޯޓްގެ ކަންކަން ބެލެހެއްޓެވުމަށް މަސްއޫލުވެ ތިއްބެވި ބޭފުޅުންނަށް މިހާރު އަންގަވާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
”ލޯނު ނެގި ފަރާތްތަކަށް ވިޔަފާރިން ލިބެންޖެހޭ ނަފާ ލިބޭނެ ގޮތެއް ނެތި، ލޯނު ދެއްކުމަށް ބާރު ފޯރުވަމުން ދިއުމަކީ ހަމަޔާ ޢަދުލުވެރިކަމާ ޚިލާފު ކަމެއް،“ ސިޓީގައި ފާހަގަކޮށްފައިވާ މި ނުކުތާއަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވަނީ ރައްޔިތުންގެ މިފަދަ ކަންބޮޑުވުންތަކަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހައިވެސް ގާތުން ޚިދުމަތްދީ، ރައްޔިތުން އެދޭ ކަންކަމުގައި އަވަސް ހައްލެއް ހޯދައިދިނުން ކަމަށެވެ.



