ނަފްސާނީ ގޮތުން ދަތި އުނދަގޫ ހާލަތެއް ތަހައްމަލު ކުރަމުންދާ ފަރާތެއްނަމަ އެހީތެރިކަން ހޯދުމަށް އަވަސްވެ ގަތުމަށް ހެލްތު މިނިސްޓްރީން ގޮވާލައިފިއެވެ.
މިނިސްޓްރީން މިފަދައިން ގޮވާލެއްވީ، މުޖުތަމަޢުގައި ފަހަކަށް އައިސް ނަފްސާނީ ގޮތުން އަސަރުކުރުވާ ފަދަ ހިތާމަވެރި ހާދިސާތައް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ 1677 މެދުވެރިކޮށް 24ގަޑިއިރު ނަފްސާނީ އެހީތެރިކަން ލިބޭނެ ކަމަށް ބުނެފައެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ފަންނީ ބޭފުޅުންނާއި، ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމުގައި މަސައްކަތް ކުރާނެ ކަމަށާއި، އެންމެން ގުޅިގެން ރައްކާތެރި އަދި އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ގޮވާލިއެވެ.
މިނިސްޓްރީން ބުނީ، މީސްމީޑިއާގައި ފަތުރާ ވާހަކަތަކާއި ހިއްސާ ކުރާ މަޢުލޫމާތުތަކަކީ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި، ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރުވާނެ ކަމެއް ކަމަށެވެ. އެހެންކަމުން ހަޤީގަތާއި ޚިލާފު ވާހަކަތަކާއި، ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރުނުވާ މަޢުލޫމާތު ނުފެތުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި އޭގެ ބަދަލުގައި އެކަކު އަނެކަކަށް ހިތްވަރު ދިނުމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މެސެޖުތައް އިސްކުރުމަށްވެސް ހެލްތު މިނިސްޓްރީން ގޮވާލައިފައިވެއެވެ.



