2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ދިވެހިންނަށް ހިލޭ ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއި މީޑިއާނެޓާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން މުޅި ރާއްޖެއަށް މި މުބާރާތް ހިލޭ ފެންނާނެ ގޮތް ވަނީ މަގުފަހިވެފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއެކު މިފަހަރުގެ ވޯލްޑް ކަޕް ލައިވްކޮށް ހިލޭ ދިވެހިންނަށް ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. ޝަކީބް ވަނީ މިއީ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ޒުވާނުންނަށް ދެއްވާ ހާއްސަ ހަދިޔާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މި މުބާރާތުގެ ރާއްޖޭގެ އޮފިޝަލް ބްރޯޑްކާސްޓިންގ ލައިސަންސް ހޯދާފައިވަނީ މީޑިއާނެޓުންނެވެ. އެ ކުންފުނީގެ ހެޑް އޮފް ރެޒިޑެންޝަލް ސޭލްސް، ޙުސެއިން ސަމްޢާން ފާހަގަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ފީފާއާއެކު ސީދާ އެއްބަސްވުމެއް ހަދައި، ކޮންޓެންޓް ޑިސްޓްރިބިއުޝަންގެ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާނެ އެންމެ ބޮޑު މުބާރާތެވެ. ޖުމްލަ 48 ގައުމަކުން ބައިވެރިވާ މި މުބާރާތުގައި 100 އަށްވުރެ ގިނަ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ މެޗުތައް ކުޅުމަށް ތާވަލުކުރެވިފައިވަނީ ރާއްޖެ ގަޑިން މެންދަމުން ފެށިގެން ފަތިހާއި ހެނދުނުގެ ވަގުތުތަކުގައެވެ.
މީގެ ކުރިން ރާއްޖޭގައި ވޯލްޑް ކަޕްގެ މެޗުތައް ލައިވްކޮށް ދައްކަމުން އައިސްފައިވަނީ ދައުލަތުގެ މީޑިއާ، ޓީވީއެމް މެދުވެރިކޮށެވެ.




