މަސްވެރިން ބާނާ މަހަށް ސަރުކާރުން ގަވާއިދުން ފައިސާ ދޫކުރަމުން އަންނަ އުސޫލުގެ ދަށުން، މިއަދު 53 މަސްދޯންޏަކަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ޖަމާކޮށްފައިވަނީ އޭޕްރީލް 22 ވަނަ ދުވަހު ކިރުވި މަހަށްވާ 5,273,863 ރުފިޔާއެވެ.
މީގެ ތެރޭގައި ކަޅުބިލަމަސް ކިރުވި 50 ދޯންޏަކަށް ދޫކުރި 5.1 މިލިއަން ރުފިޔާ އާއި، ބޮޑުކަންނެލި ކިރުވި ދޯނިފަހަރަށް ދޫކުރި ފައިސާ ހިމެނެއެވެ. 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 5 ދޯންޏަކަށް 5,260 ރުފިޔާ ޖަމާކޮށްފައިވާއިރު، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 12 ދޯންޏަކަށް 84,125 ރުފިޔާ ވަނީ ޖަމާކޮށްދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތް ނަމަވެސް، މިހާރު ވަނީ އެ ފައިސާ ދައްކާ ނިންމާފައެވެ. އަދި 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން، މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ. މި ބަދަލާއެކު މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި ބޭރުކުރާ މިންވަރު ވަނީ އިތުރުވެފައެވެ.
މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ވަނީ މުހިއްމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިފްކޯއިން މަސް ގަންނަ އަގު 16 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ. އަދި ރައީސްގެ ވައުދުފުޅާ އެއްގޮތަށް ޖަނަވަރީ މަހުން ފެށިގެން މިފްކޯއިން ބޮޑުކަންނެލި ގަންނަން ފަށާފައިވާއިރު، މިހާރު ކަންނެލި ގަންނަނީ ކިލޯއެއް 25 ރުފިޔާގެ ރޭޓުންނެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގައިވެސް، ސަރުކާރުން އަންނަނީ މިފްކޯ މެދުވެރިކޮށް ހެޔޮ އަގުގައި މަސްދޯނިފަހަރަށް ތެޔޮ ފޯރުކޮށްދެމުންނެވެ.



