ދުނިޔޭގެ ކަނޑުމަހުގެ އުފެއްދުންތަކުގެ އެންމެ ބޮޑު މައުރަޒު ކަމަށްވާ ގްލޯބަލް ސީފުޑް މާކެޓްޕްލޭސް ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި މަހުގެ 21 އިން 23 އަށް ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދިޔަ މި ފެއާގައި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ކުންފުނިތައް ބައިވެރިވެފައިވެއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، މި މައުރަޒުގައި ރާއްޖޭގެ ފަރާތުން ހޮރައިޒަން ފިޝަރީޒް، އެންސިސް ފިޝަރީޒް، ބްލޫ ސޯލްޓްވޯޓަރ އަދި ބިގްފިޝް މޯލްޑިވްސް އިން ވަނީ ބައިވެރިވެފައެވެ.
ދުނިޔޭގެ މަސްވެރިކަމުގެ ވިޔަފާރިތައް އެއްތަނަކަށް ޖަމާކޮށްދޭ މި މައުރަޒަކީ ދިވެހި އެކްސްޕޯޓަރުންނަށް ބައިނަލްއަޤްވާމީ އިންވެސްޓަރުންނާއި މަސް ގަނެވިއްކާ ފަރާތްތަކާ ބައްދަލުކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
މި މައުރަޒުގެ ތެރެއިން ”ފްރޮމް މޯލްޑިވްސް ޓު ދަ ވޯލްޑް“ ގެ ނަމުގައި ރާއްޖެއިން ވަނީ ހާއްސަ ޕެނަލް ޑިސްކަޝަނެއް ބާއްވާފައެވެ. މި މަޝްވަރާގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިއާމް އާއި މޮންޓެރޭ ބޭ އެކުއޭރިއަމްގެ ޕޮލިސީ އެންޑް ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް ޑައިރެކްޓަރ ޖޯޝް މަޑެއިރާގެ އިތުރުން މިފްކޯގެ ސްޓްރެޓީޖިކް ކޮންސަލްޓަންޓް އާތިފް ޝަކޫރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕެނަލް ޑިސްކަޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެމެހެއްޓެނިވި އުސޫލުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ލިބޭނެ ކުރިއެރުންތަކަށާއި، ޒިންމާދާރުކަމާއެކު ކުރާ މަސްވެރިކަން ބަލައިގަނެ އެކަމަށް ހިތްވަރު ދިނުމުގެ މުހިންމުކަމުގެ މައްޗަށެވެ. މީގެ އިތުރުން، މޮންޓެރޭ ބޭ އެކުއޭރިއަމް ސީފުޑް ވޮޗްގެ އެންމެ ފަހުގެ އެސެސްމެންޓްތަކާއި ރޭޓިންތަކާ ގުޅޭގޮތުން ވެސް މި ސެޝަންގައި މަޝްވަރާކުރެވުނެވެ.
މޮންޓަރޭ ބޭ އެކުއޭރިއަމްގެ ސީފުޑް ވޮޗް ޕްރޮގްރާމުން މިއަހަރުގެ އޭޕްރިލް މަހު އާންމުކުރި މިންގަނޑުގައި، ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ވަނީ ހާއްސަ ރޭޓިންއެއް ކަނޑައަޅާފައެވެ. މިއީ ސީފުޑް ވޮޗްގެ ތާރީހުގައި ވެސް ވަކި ގައުމަކަށް ހާއްސަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންއެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2017 ވަނަ އަހަރު އިންޑިއާ ކަނޑުގެ ބޮޑުކަންނެލީގެ ސްޓޮކް ހީނަރުވެފައިވާ ކަމަށް ބުނެ އެ މަސް ގަތުމާ ދެކޮޅަށް ނެރުނު އިރުޝާދުތަކަށް މިވަނީ ބޮޑު ބަދަލެއް އައިސްފައެވެ.
އަލަށް އާންމުކުރި އިރުޝާދުތަކުގައި ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި މުޅި އިންޑިއާ ކަނޑުގެ ސަރަހައްދުން ވެސް ކަނޑުމަހުގެ ވިޔަފާރީގައި އިހްތިޔާރުކުރަން އެންމެ ރަނގަޅު ނުވަތަ ”ބެސްޓް ޗޮއިސް“ އެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މަސް ވަނީ ހިމަނާފައެވެ.


