ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން ކާމިޔާބު ކުރައްވައިފިއެވެ.
މި އިންތިޚާބުގައި ސިނާނާ ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ.
މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ޖުމްލަ 727 މީހުންނަށް ލިބިފައިވާއިރު، އޭގެ ތެރެއިން ވޯޓުލާފައިވަނީ 422 މީހުންނެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސިނާނަށް ޖުމްލަ 226 ވޯޓު ލިބިވަޑައިގެންނެވިއިރު، ސައީދަށް ލިބިވަޑައިގެންނެވީ 187 ވޯޓެވެ.
މާލޭގައި ބެހެއްޓި ވޯޓު ފޮށީގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ސިނާނަށް 59 ވޯޓު ލިބިވަޑައިގެންނެވިއިރު، ސައީދަށް ލިބިވަޑައިގެންނެވީ 39 ވޯޓެވެ. މި ފޮށިން 5 ވޯޓު ބާތިލްވެފައިވެއެވެ. އަދި އައްޑޫ ސިޓީގައި ބެހެއްޓި ވޯޓު ފޮށިން ސިނާނަށް 167 ވޯޓު ލިބިވަޑައިގެންނެވިއިރު، ސައީދަށް ލިބިވަޑައިގެންނެވީ 150 ވޯޓެވެ. އައްޑޫ ފޮށިން ބާތިލްވީ 2 ވޯޓެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12 ވަނަ ދުވަހު ހުކުމް ކުރުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ނިންމައި އެކަން އިއުލާނުކޮށްފައެވެ.




