މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރި ހާދިސާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
ރައީސް މިކަން ކުށްވެރިކުރެއްވީ އެ ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯއެއް އެމަނިކުފާނަށް ފެނިވަޑައިގަތުމާ ގުޅިގެންނެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާލެ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައިވިޔަސް، ހަމަލާދީ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
އަދި ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އަރުވާފައެވެ.
މި ހާދިސާއާ ގުޅޭގޮތުން ޗީފް ގަވަރންމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، މި ހަމަލާއަކީ ސަރުކާރުން ކުރުވި ކަމެއް ކަމަށް މޭޔަރު އާޒިމް ތުހުމަތު ކުރެއްވުމަކީ ހައިރާންވާ ކަމެއް ކަމަށެވެ. އެއީ ކޮން ހެއްކެއްގެ މައްޗަށް ބިނާކޮށް ވިދާޅުވި ވާހަކަފުޅެއްކަން އެނގިވަޑައިނުގަންނަވާ ކަމަށާއި، މިއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމުގެ ޔަގީންކަން ސްޕޯކްސްޕަރސަން ދެއްވިއެވެ. މީގެ އިތުރުން މޭޔަރުގެ އެ ތުހުމަތަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށްވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވީ، މި ހާދިސާ ހިނގި ފަހުން މިހާތަނަށްވެސް އެމްޑީޕީގެ ފަރާތުން ނުވަތަ ސިޓީ ކައުންސިލުންވެސް މިކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާތީ ހިތާމަކުރައްވާ ކަމަށެވެ. ނަމަވެސް، މީސްމީޑިއާގައި ދައުރުވާ ވީޑިއޯ ފުލުހުންނަށް ފެނުމާއެކު، ފުލުހުންގެ އަމިއްލަ އިސްނެންގެވުމުގެ މަތިން މިހާރު މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މާލެ ސިޓީގެ މޭޔަރަކީ އެމަނިކުފާނުގެ ހައިސިއްޔަތުގެ ތެރެއިން އެދިވަޑައިގެންފިނަމަ ސެކިއުރިޓީ ލިބޭނެ ފަރާތެއްކަން ފާހަގަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އޮތް ނުރައްކާ ބެލުމަށް ފުލުހުން އަބަދުވެސް ތްރެޓް އެސެސްމަންޓް ހައްދަވާ ކަމަށެވެ.
އަދި އެފަދަ އެސެސްމަންޓަކުން އެއްވެސް ބޭފުޅަކަށް ނުރައްކަލެއް އޮތްކަން ފާހަގަވެއްޖެނަމަ، ފުލުހުން އިސްވެ ސެކިއުރިޓީގެ ކަންކަން ހަމަޖައްސައިދޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.




