ރާއްޖޭގައި އިބްތިދާއީ ޞިއްޙީ ޚިދުމަތުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ކ. އަތޮޅާއި ވ. އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ.
މި ޕްރޮގްރާމް ފެށުމަށްޓަކައި ކ. ތުލުސްދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ހެލްތު މިނިސްޓަރު ޤީލާ ޢަލީއެވެ.
ޕްރައިމަރީ ހެލްތު ކެއަރ ނިޒާމަކީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް މަދުކޮށް، އެފަދަ ބަލިތައް އަވަހަށް ދެނެގަތުމަށްޓަކައި ފަރުމާކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތުން، އިތުބާރު ހުރި އަދި ފެންވަރު ރަނގަޅު ވަށާޖެހޭ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ”ޕްރައިމަރީ ހެލްތު ކެއަރ ރީވައިޓަލައިޒޭޝަން ޕްރޮގްރާމް“ގެ ކޮމިއުނިކޭޝަން ކެމްޕޭންވެސް ވަނީ އިފްތިތާޙް ކޮށްފައެވެ.
ހެލްތު މިނިސްޓްރީން ބުނިގޮތުގައި، މި ޕްރޮގްރާމްގެ ދަށުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ ޕޭޝަންޓް ރިކޯޑެއް ނުވަތަ މެޑިކަލް ހިސްޓްރީއެއް އެކުލަވާލެވޭނެއެވެ. މި ރިކޯޑުގައި އެމީހަކު މިހާތަނަށް ކޮށްފައިވާ ބޭސްފަރުވާގެ ހުރިހާ މަޢުލޫމާތެއް ހިމެނޭނެއެވެ. މީގެއިތުރުން، ޞިއްޙީ ޚިދުމަތްތެރިން ގޭގެއަށް ޒިޔާރަތްކޮށް، ބަލިތަކުން ރައްކާތެރިވުމުގެ މަޢުލޫމާތު ދިނުމާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ އިރުޝާދު ދިނުންވެސް މި ޕްރޮގްރާމްގެ ތެރޭގައި ހިމެނެއެވެ.
މި ޕްރޮގްރާމަކީ ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ އާދަކާދަ އަށަގަންނުވައި، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ ގެ އިރުޝާދާ އެއްގޮތަށް ހަމަހަމަކަމާއެކު ޚިދުމަތް ދިނުމަށް އެންމެ އެކަށީގެންވާ ނިޒާމު ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
މިހާތަނަށް ރާއްޖޭގެ 13 އަތޮޅެއްގައި މި ޕްރޮގްރާމް ފަށާފައިވާއިރު، ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް މި ޚިދުމަތް ފުޅާކުރުމެވެ.




