ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި، މި ހަރަކާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިރޭ 23:59 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.
ފުލުހުން ބުނީ، މި ހަރަކާތުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ކަމަށެވެ. މި ހަރަކާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރުގެ އިތުރުން ގުޅޭނެ ފޯނު ނަންބަރު media@police.gov.mv މެއިލް އަށް ފޮނުވުމަށް ފުލުހުން ވަނީ އެދިފައެވެ.
މި ހަރަކާތުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މެއިލްކުރާ ތަރުތީބުން އެންމެ ފުރަތަމަ މެއިލްކުރާ 10 މީހަކަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މަސްތުވާތަކެތި ނައްތާލުމުގެ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާގެ މެންދުރުފަހު ދޫނިދޫގައެވެ.




