އާންމު އެހެން މަސަމަހުގައިވެސް އަމަލު ކުރަމުން ދާ އުސޫލުން ނިމިދިޔަ މާރިޗު މަހުގެ ކަރަންޓު ބިލުތައް ތައްޔާރުކޮށްފައި ވަނީ ކަނޑައެޅިފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާރިޗު މަހުގެ ރީޑިންގ ނެގުމުގައްޔާއި ކަރަންޓު ބިލު ތައްޔާރު ކުރުމުގައި އެ ކުންފުނިން އަމަލުކޮށްފައި ވަނީ އެހެން މަސްމަހުގައިވެސް އަމަލުކުރާ އާންމު އުސޫލުން ކަމަށެވެ.
އަދި އެއީ ގާނޫނާއި ގަވައިދުތަކުން ކަނޑައެޅި، އާންމުކުރެވިފައިވާ އުސޫލެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.
”މި އުސޫލާ ހިލާފަށް، މި ކުންފުނިން ހިދުމަތްދެމުންދާ އެއްވެސް ފަރާތެއްގެ ބިލެއް ތައްޔާރުކޮށް، ބިލަށް އުނި އިތުރެއް ގެނެސްފައި ނުވާނެކަމުގެ ޔަގީންކަން އަރުވަން.“ ފެނަކައިގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ކުންފުނިން ތައްޔާރުކޮށްފައިވާ އެއްވެސް ބިލެއްގައި މައްސަލައެއް އުޅޭކަމަށް ޝައްކު ކުރެވޭނަމަ، ރީޑިންގ އިތުރަށް ޗެކް ކުރުމުގެ ފުރުސަތު އޮތް ކަމަށާއި އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ފެނަކައިން ބުނެއެވެ.
ފެނަކައިން އިތުރަށް ފާހަގަކުރި ގޮތުގައި، ކޮންމެ އަހަރެއްގެވެސް މާރިޗު، އޭޕްރީލް އަދި މެއި މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވެ، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ދުވަސްވަރެކެވެ.
އެހެންކަމުން، މި ދުވަސްވަރު ކަރަންޓު ބޭނުންކުރުމުގައި އިތުރަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.




