ކާރިސީ ހާލަތްތަކުގައި ބޭނުންކުރާ ސާމާނުތަކެއް ޖަޕާނު ސަރުކާރުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ހަދިޔާކޮށްފިއެވެ.
މި ތަކެތި ހަދިޔާކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު އޮތީ އެންޑީއެމްއޭގެ މައި އޮފީހުގައެވެ.
އެންޑީއެމްއޭގައި ބޭއްވި މި ރަސްމިއްޔާތެއްގައި ޖަޕާނު ސަރުކާރުގެ ފަރާތުން މި ތަކެތި އެ އޮތޯރިޓީއާ ޙަވާލުކޮށްދެއްވީ، އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އެވެ. އެންޑީއެމްއޭގެ ފަރާތުން މިތަކެއްޗާ ރަސްމީކޮށް ޙަވާލުވެލެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން އެވެ.

އެންޑީއޭމްއޭއިން ބުނިގޮތުގައި ޖަޕާނުން ހަދިޔާކުރި މި ތަކެއްޗަކީ ޖަޕާނުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދިން އެހީއެކެވެ. މި ތަކެތީގެ ޖުމްލަ އަގު 4.3 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 66.3 މިލިޔަން ދިވެހި ރުފިޔާއަށް އަރައެވެ.
ކާރިސީ ހާލަތްތަކުން އަރައިގަތުމަށާއި، ރާއްޖޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންޑީއެމްއޭއިން ކުރަމުންދާ މަސައްކަތްތަކުގައި ޖަޕާނު ސަރުކާރުން ދެމުންދާ ދާއިމީ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި އެ އޮތޯރިޓީން ވަނީ ޖަޕާނު ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.




