ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ކުރީގެ ދެ ވަޒީރުން ކަމަށްވާ އާދަމް ޝަރީފް އުމަރާއި ތޯރިގު އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު އައްޔަންކުރައްވައިފިއެވެ.
މި ތިން ބޭފުޅުން ވެސް މިހާރު ވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ފޮރިން މިނިސްޓްރީއަށް ނުކުންނަވަން ފައްޓަވައިފައެވެ.
މި ސަރުކާރުގެ ކެބިނެޓުގައި އާދަމް ޝަރީފް އުމަރު ކުރިން ހުންނެވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މަގާމުގައެވެ. އަދި ތޯރިގް އިބްރާހީމް ހުންނެވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ މަގާމުގައެވެ. މި ދެ ބޭފުޅުންނަކީ މި މަހުގެ މެދުތެރޭގައި ސަރުކާރުގެ ކެބިނެޓުން އިސްތިއުފާ ދެއްވި 10 މިނިސްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ.
އަލަށް އައްޔަންކުރެވުނު ބޭފުޅުންގެ ތެރެއިން އާދަމް ޝަރީފް އުމަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ހަމައެހެންމެ، ތޯރިގް އިބްރާހީމް ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އެންވަޔަރަންމަންޓް މިނިސްޓަރުކަމުގެ މަގާމު ފުރުއްވާފައެވެ.
މި މަގާމަށް ދެން އައްޔަންކުރެއްވި ދިޔާނާ ސައީދަކީ ރާއްޖޭގެ ބަންޑާރަ ނައިބުކަމުގެ މަގާމުގެ އިތުރުން ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ، ހާރިޖީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ.




