ހުޅުމާލޭ ފޭސް އެކެއްގައި ބިނާ ކުރަމުންދާ ”މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ رضی اللہ عنھا“ ގެ 75 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މި މިސްކިތަކީ ފަޟީލަތުއްޝައިޚު އިސްމާޢީލު މުޙައްމަދުގެ އަމިއްލަ ހޭދައިގައި ބިނާކުރައްވާ މިސްކިތެކެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރެޑްވޭވް ސުޕަމާކެޓް ކައިރީގައި ކުރިން ވަގުތީ މިސްކިތް ހުރި ބިމުގައި ބިނާކުރާ މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މަދީނާ އިންވެސްޓްމަންޓުން މެނޭޖްކުރާ މި މިސްކިތް ނިސްބަތްކޮށްފައިވަނީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން ޢާއިޝަތުގެފާނަށެވެ.
މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްޝައިޚް މުޙައްމަދު ލަތީފް ވިދާޅުވީ، މިއީ ފަޟީލަތުއްޝައިޚު އިސްމާޢީލު މުޙައްމަދަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، މިއީ ވަރަށް ގިނަ ދުވަސްވަންދެން ކުރައްވަމުން އައި އުއްމީދެއްގެ ފެށުން ކަމަށެވެ.
ދެ ފަންގިފިލާއަށް އިމާރާތްކުރާ މި މިސްކިތަކީ އެއްފަހަރާ 2,000 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ތަނަވަސް މިސްކިތެކެވެ. މިސްކިތް ނިމޭއިރު އޭސީ އާއި ސޯލާ ސިސްޓަމް ހަރުކުރުމުގެ އިތުރުން، އަންހެނުންނަށް ނަމާދުކުރުމަށް ޚާއްސަ ޖާގައެއްވެސް މި މިސްކިތުގައި ހުންނާނެއެވެ.
މީގެ އިތުރުން، އިސްލާމީ ދިރާސާކުރާ ފަރާތްތަކަށާއި ދަރިވަރުންނަށް ބޭނުންކުރެވޭނެ ފުރިހަމަ ލައިބްރަރީއެއްވެސް މިސްކިތުގައި ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.



