ދިފާޢީ ދާއިރާއިން ޤާއިމްކޮށްފައިވާ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު މިއަދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާކުރުންތައް ކުރިއަށްދިޔައީ ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ، ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.
ޑިފެންސް މިނިސްޔްރީގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި، އުޚުއްވަތްތެރި މި ދެ ޤައުމުގެ ދެމެދުގައި ދިފާޢީ ދާއިރާއިން އޮތް ގުޅުން އިތުރަށް ފުޅާކޮށް، ހަރުދަނާ ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޙަސަން ރަޝީދު ވަނީ ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާގެ ތަރައްޤީއަށް ސަޢޫދީ ސަރުކާރުން މެދުނުކެނޑި ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.
އަދި އެކަމަށްޓަކައި ސަޢޫދީ ސަރުކާރަށްމިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.



