ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ސައޫދީ އަރަބިއްޔާގެ ޝައިހް އާސިމް އަލް ހަކީމް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޝައިހް އާސިމްއަށް މަރުހަބާ ދެންނެވީ، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެވެ.
ޝައިހް އާސިމް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖޭގެ ސިޓީތަކުގައި ހާއްސަ ދަރުސްތަކެއް ކުރިއަށް ގެންދިއުމަށް ކުރައްވާ ދަތުރުފުޅެކެވެ. ”ދަ ޓްރެވަލާ“އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ދަތުރުފުޅުގައި ރާއްޖޭގެ ފަސް ސިޓީއަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ޝައިހްގެ ދަރުސް ޕްރޮގްރާމްތައް ރާއްޖޭގެ އެކި ސިޓީތަކުގައި ކުރިއަށްދާނެ ތާރީހުތަކަކީ:
- ކުޅުދުއްފުށި ސިޓީ: އެޕްރީލް 28 ގައި
- މާލެ ސިޓީ: އެޕްރީލް 29 ގައި
- އައްޑޫ ސިޓީ: އެޕްރީލް 30 ގައި
- ފުވައްމުލައް ސިޓީ: މެއި 1 ގައި
- ތިނަދޫ ސިޓީ: މެއި 2 ގައި
މި ދަރުސްތަކަކީ އާންމުންނަށް ހުޅުވާލައިގެން ބާއްވާ ދަރުސްތަކަކަށް ވާއިރު، ދަރުސްގެ ތެރެއިން އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ފުރުސަތު ވެސް ޝައިހް ދެއްވާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދެއެވެ.
މީގެ ކުރިން ވެސް ބޭރުގެ މަޝްހޫރު ދީނީ އިލްމުވެރިން ކަމަށްވާ ޑރ. ޒާކިރު ނައިކާއި މުފްތީ މެންކް ފަދަ ބޭފުޅުން ރާއްޖެ ވަޑައިގެން ބޮޑެތި ދަރުސްތައް ދެއްވާފައިވެއެވެ.




