ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ބޮޑު ހިލަ ޖެހުމުގެ ބަދަލުގައި، ތިމާވެއްޓާ ރައްޓެހި އަދި ޚަރަދު ކުޑަ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ.
މިކަން ހާމަކުރެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޢަލީ ޝަރީފެވެ.
މިނިސްޓަރު ވިދާޅުވީ ބޮޑު ހިލަ ޖެހުމަކީ އޭގެ ޒާތުގައި ވަރަށް ޚަރަދު ބޮޑު މަސައްކަތެއް ކަމަށެވެ. އެގޮތުން މީގެ ހަތް އަހަރު ކުރިން ބެލިބެލުމުންވެސް، ޕްރޮޖެކްޓްގެ މޮބިލައިޒޭޝަން ކޯސްޓާއެކު ބޮޑު ހިލައިގެ ލީނިއަރ މީޓަރެއް އިންސްޓޯލް ކުރެވެނީ ގާތްގަނޑަކަށް 6000 ނުވަތަ 7000 ޑޮލަރަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިކަމަށް އިތުރު ހައްލުތަކެއް ހޯދުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އަޅުގަނޑުމެން ބަލަން އެބަ، ނޭޗަރ ބޭސް ސޮލިއުޝަންގެ އިތުރުން ކޮންސްޓްރަކްޝަން ވޭސްޓުވެސް ބޭނުންކޮށްގެން ކޯސްޓަލް ޕްރޮޓެކްޝަނަށް ސޮލިއުޝަނެއް ހޯދޭތޯ،“ މިނިސްޓަރު ވިދާޅުވިއެވެ.
މިހާރުވެސް މިނިސްޓްރީގެ ބައެއް މަޝްރޫޢުތައް ނޭޗަރ ބޭސް ސޮލިއުޝަނަށް އަމާޒުކޮށްގެން ކުރިއަށްދާކަމަށާއި، ބައެއް ޑިޒައިންތަކުގައި އެފަދަ ހައްލުތައް ހިމަނާފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރު ހެދުމަށް ބޭނުންކުރާ ބޮޑުހިލައިގެ ބަދަލުގައި، ކޮންސްޓްރަކްޝަން ޑެމޯލިޝަން ވޭސްޓް ނުވަތަ އެހެންވެސް މެޓީރިއަލެއް ބޭނުންކޮށްގެން ރާއްޖޭގެ ތިމާވެއްޓާ ގުޅޭ، ރެސިލިއެންޓް ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
މިފަދަ ދިރާސާއެއް ކުރުމަށްޓަކައި މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ރިސަރޗް ގްރާންޓެއް ފަދަ އެހީތެރިކަމެއް ހަމަޖައްސަވައިދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ގޮނޑުދޮށް ހިމާޔަތްކުރާ ވަސީލަތްތައް އުފައްދާ ކުންފުނިތަކާ މަޝްވަރާކޮށް، މިހާރުން މިހާރަށް ބޮޑުހިލައިގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި މަސައްކަތުގައި ބޭނުންކުރާ ތަކެއްޗަކީ ރާއްޖޭގެ ނާޒުކު ތިމާވެއްޓާ އެކަށީގެންވާ ތަކެތިތޯ ބެލުމަށްވެސް ވަނީ އިސްކަންދީފައެވެ.




