ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ތަކުރާރުކޮށް ހިލާފުވާ މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ބާރު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިދޭ ގޮތަށް އާ ގަވާއިދެއް އެކުލަވާލައި މިއަދު އަމަލުކުރަން ފަށައިފިއެވެ.
”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބެލުމާއި ފިޔަވަޅުއެޅުމުގެ ގަވާއިދު“ ގެ ނަމުގައި މި ގަވާއިދު މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.
މި ގަވާއިދަކީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބެލުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށާއި، ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ ހަމަތައް ބަޔާންކުރުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ ސަބަބުން މައްސަލަތައް ބަލައިގަތުމާއި ތަހުގީގުކުރުމުގައި ދެފުށް ފެންނަ، އިންސާފުވެރި ނިޒާމެއް ގާއިމުވެގެންދާނެ ކަމަށް ކޮމިޝަނުން ވިދާޅުވެއެވެ.
އާ ގަވާއިދުގެ ދަށުން، ބްރޯޑްކާސްޓްކުރާ ފަރާތްތަކުން މައްސަލައެއް ތަކުރާރުކުރާނަމަ 50,000 ރުފިޔާއާއި 250,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ކޮމިޝަނަށް ލިބިދެއެވެ. އަދި ނޫސް މަޖައްލާތަކުން ގާނޫނާއި ގަވާއިދާ ހިލާފު ކޮންޓެންޓް އުފައްދާ އެކަން ތަކުރާރުކުރާނަމަ، 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މީގެ އިތުރުން، ފެތުރޭ ކޮންޓެންޓަކީ އިސްލާމްދީނާއި، ގައުމީ ސަލާމަތާއި، އާންމު ނިޒާމު ނުވަތަ އާންމު ސިއްހަތަށް ނުރައްކަލެއް ކަމަށް ބެލެވޭ ހާލަތްތަކުގައި، ދައުލަތުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް އެ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރުން ނުވަތަ އާންމުކުރުން ހުއްޓުވުމުގެ ބާރު ކޮމިޝަނަށް ވަނީ ދީފައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ފުލުހުން މެދުވެރިކޮށް ހިދުމަތް ދިނުމަށް ބޭނުންކުރާ އާލާތްތައް ހިފެހެއްޓުމުގެ އިހުތިޔާރުވެސް ކޮމިޝަނަށް އޮންނާނެއެވެ.
މި ގަވާއިދުގެ ދަށުން ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ފިޔަވަޅު އެޅޭނެއެވެ. އޭގެ ތެރޭގައި ކުރިކަމެއް ރަނގަޅުކުރަން އެންގުމާއި، އާންމުކޮށް މާފަށް އެދުމަށް އެންގުމާއި، ކުށުގެ އިސްލާހު އާންމުކުރުން ނުވަތަ ބަޔާނެއް ނެރުމަށް އެންގުން ހިމެނެއެވެ.
މިފަދަ ފިޔަވަޅުތަކަށް ތަބާނުވާ ހާލަތްތަކުގައި ފިޔަވަޅު ހަރުކަށިކުރުމުގެ ބާރުވެސް ކޮމިޝަނަށް ލިބިގެންވެއެވެ.




