ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ތަމްސީލްކުރެއްވުމަށް ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަޤާމުގައި ހުންނެވި އަޙްމަދު ސަޢީދަށް ޓިކެޓު ދިނުމަށް އެ ޕާޓީން ނިންމައިފިއެވެ.
ޕީއެންސީން މިގޮތަށް ނިންމީ ޕްރައިމަރީގައި ވާދަކޮށް ޓިކެޓް ކާމިޔާބުކުރެއްވި ހިތަދޫ އުތުުރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން، ބައި-އިލެކްޝަންގައި ވާދަނުކުރައްވަން ނިންމަވާފައިވާކަން އިއުލާންކުރެއްވުމާ ގުޅިގެންނެވެ.
ޕީއެންސީގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ސިނާން ޓިކެޓް ދޫކޮށްލެއްވުމުން ޕްރައިމަރީގައި އޭނާއާ ވާދަކުރެއްވި އަހްމަދު ސަޢީދަށް ޓިކެޓް ދޭން ނިންމީ، އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާ މުއްދަތު ކައިރިވެފައިވުމާއެކު އިތުރު ޕްރައިމަރީއެއް ބާއްވަން ވަގުތު ނެތުމުން ކަމަށެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މުޙައްމަދު ސިނާން ވިދާޅުވީ، ޕްރައިމަރީގެ ކާމިޔާބަށްފަހު ދާއިރާގެ ރައްޔިތުންނާއެކު ކުރެވުނު މަޝްވަރާތަކުން، މިފަހަރު މިގޮނޑި ޕީއެންސީއަށް ކާމިޔާބުވާން އެންމެ ފަހިވާނީ އޭނާ ފަހަތަށްޖެހި އައު ބޭފުޅަކަށް ފުރުޞަތު ދީގެން ކަމަށް ފެންނަ ކަމަށެވެ.
”މިގޮތަށް ނިންމެވި ނަމަވެސް ގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕާޓީން ނުކުންނަ ކެންޑިޑޭޓެއް އިންތިޚާބު ކޮށްދިނުމަށް އަޅުގަނޑުގެ ފުރިހަމަ ބައިވެރިވުމާއި އެހީތެރިކަން އޮންނާނެ،“ސިނާން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، 2024ވަނަ އަހަރު އެ ދާއިރާއަށް އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ ސުޕްރީމް ކޯޓުން ކުރި ޙުކުމަކާ ގުޅިގެންނެވެ.
މި ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގައެވެ.




