ފިޔަވަހިތަކަކަށް ބަހާލައިގެން ރާއްޖޭގެ ތިން ސަރަހައްދެއްގައި ތެޔޮ ރިޒާވްއެއް ގާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭންގެ ދަށުން، މާލެ ސަރަހައްދުން ދެ ފަޅެއް ބަލަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންނަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ތެޔޮ ރިޒާވް ގާއިމުކުރާނެ ތަންތަން ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އެގޮތުން މާލެ ސަރަހައްދުން ބަލަމުންދާ ދެ ފަޅުގެ ސަރވޭ މަސައްކަތް އަންނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއާ ގުޅޭގޮތުން މިނިސްޓަރު އިތުރަށް ވިދާޅުވީ، ތެލުގެ ރިޒާވް ގާއިމުކުރާނެ ތަންތަން ފައިނަލް ކުރާނީ ކުރެވޭ ދިރާސާތަކަށް ފަހު ކަމަށާއި، އެ ދިރާސާތަކުގެ ފައިނަލް ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާނެ ކަމަށެވެ.
ރާއްޖޭގެ ތިން ސަރަހައްދެއްގައި ތެޔޮ ރިޒާވް ގާއިމުކުރާނެކަން ރައީސް މުއިއްޒު އިއުލާނުކުރެއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި، މި މަސައްކަތަކީ ރާއްޖޭގެ އިގުތިސާދުގައި ހުރި ނާޒުކުކަން ހައްލުކުރުމަށް ދުރު ރާސްތާއަށް ރާވައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން، ކޮންމެ ފިޔަވައްސެއް ދޮޅު އަހަރު ނުވަތަ ދެ އަހަރުން ނިންމައި، ޖުމްލަ ފަސް އަހަރު ނުވަތަ ހަ އަހަރު ތެރޭގައި މުޅި މަޝްރޫއު ނިންމާލެވޭނެ ގޮތަށެވެ.
”ރާއްޖޭގައި ނޭޝަނަލް އޮއިލް ރިޒާވް ގާއިމުކުރުމަށް ކުރެވޭނެ މަސައްކަތްތައް ދިރާސާކުރުމުގެ މަސައްކަތް މިއޮތީ ފެށިފައި. އޭގެ އައިޑިއާއަކީ ރާއްޖޭގެ ތިން ސަރަހައްދެއްގައި، ތިން ފޭސްއަކަށް ބަހާލައިގެން އޮއިލް ރިޒާވްއެއް ގާއިމުކުރުން،“ ރައީސް ވިދާޅުވެފައިވެއެވެ.
މި މަޝްރޫއުގެ ކޮންމެ މަރުހަލާއަކަށް ގާތްގަނޑަކަށް 150 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭއިރު، ސަރުކާރުގެ ވިސްނުމަކީ އިގުތިސާދީ ފީސިބިލިޓީއަށް ބަލައިގެން ދެމެހެއްޓެނެވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުމެވެ.
މި ރިޒާވް ގާއިމުކުރުމުގެ ފުރިހަމަ ޕްލޭން ނިމުމުން އޭގެ ތަފްސީލުތައް މީޑިއާއާ ހިއްސާކުރައްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.



